ދޮށީ އުމުރުގެ މީހުންގެ ގައުމީ އެކްޝަން ޕްލޭން އިފްތިތާހު ކޮށްފިއެވެ.
ގައުމީ މާމަ، ކާފަ ދުވަސް އިއުލާނު ކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ދޮށީ އުމުރުގެ މީހުންގެ ގައުމީ އެކްޝަން ޕްލޭން އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިގެ އަނބިކނބަލުން ފަޒްނާ އަހުމަދެވެ.
މި އެކްޝަން ޕްލޭނަކީ ދޮށީ އުމުރުގެ މީހުންނާ ގުޅޭ ގައުމީ ސިޔާސަތުގައި އެކުލެވޭ ކަންކަން ތަންފީޒުކުރުމުގެ ގޮތުން އެކުލަވާލާފައިވާ އެކްޝަން ޕްލޭނެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މި ރަސްމިއްޔާތަކީ ޖެންޑާ މިނިސްޓްރީން ކުރިއަށް ގެންދިޔަ ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތުގެ ތެރެއިން ޖެންޑާ މިނިސްޓްރީން ވަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހު އެއް ވަނަ ދުވަހަކީ ގައުމީ މާމަ، ކާފައިންގެ ދުވަސް ކަމަށް އިއުލާނު ކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެދުވަސް ފާހަގަ ކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ގައުމީ މާމަ، ކާފައިންގެ ދުވަހެއް ކަނޑައެޅުމުގެ ބޭނުމަކީ ދޮށީ އުމުރުގެ މީހުން ގައުމާއި، އެމީހުންގެ އާއިލާއަށް ކޮށްދެއްވާ ހިދުމަތްތައް ފާހަގަކޮށް އެމީހުންގެ އަގު ވަޒަންކުރުމެވެ.