ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ލަންކާގައި ހަމަޖެހުން ގާއިމުވެފައި އޮތުމަކީ ރާއްޖެއަށް އެކަމުގެ ފައިދާ ކުރާނެ ކަމެއް: މިނިސްޓަރު ޝާހިދު

މަރިޔަމް ޝަހުދާ

ސްރީލަންކާގައި ހަމަޖެހުން ގާއިމު ވެފައި އޮތުމަކީ ރާއްޖެއަށް އެކަމުގެ ފައިދާ ކުރާނެ ކަމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ގޯތަބަޔާ ރާޖަޕަކްސައަށް މަރުހަބާ ވިދާޅުވެ ފޮނުއްވި މެސެޖެއްގައެވެ. ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ގޯތަބަޔާ ރާޖަޕަކްސައަށް މަރުހަބާ ދަންނަވައި މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގައި އަދި ލަންކާގައިވެސް ވެރިކަން ބަދަލު ވުމުގެ މަރުހަލާ އަމާން އޮމާންކޮށް ކުރިއަށް ގެންދާތީ އުފާ ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ލަންކާގައި އުފެދިގެން އަންނަ އާ ސަރުކާރާ އެއްކޮށް މަސައްކަތްކޮށް، ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް އިތުރު ހަރުފަތަކަށް ގެންދެވުމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ދާދި ފަހުން ލަންކާއަށް ކުރެއްވި ދަތުރުގައި ވަނީ ގޯތަބަޔާ ރާޖަޕަކްސާ އާ ބައްދަލުކުރައްވާފަ އެވެ.

ގޯތަބަޔާ ރާޖަޕަކްސަ އަކީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅެވެ. މީގެ އިތުރުން އޭނާ އަކީ މީގެ ކުރިން ލަންކާގެ ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.