އިބްރާހިމް ޒަކީ
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ބޭފުޅުންގެ ތެރެއިން، ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު ވ. ދިވެތި އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
އެންއައިސީން ހުސްވެފައިވާ މެންބަުރ ކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހަތަރު ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވިއެވެ.
ނަމަވެސް އެ ނަންތައް ދިރާސާ ކުރުމަށްފަހު އޭގެ ތެރެއިން، ގ. ތުނޑިވެލި، ހައްވާ ލީޝާގެ ނަން އުނިކޮށް، ދެން ތިއްބެވި ތިން ބޭފުޅުންގެ ތެރެއިން ބޭފުޅަކު އެންއައިސީއަށް އައްޔަންކުރަން މަޖިލީހުން ފާސްކުރަން ލަފާދީ، ތިން ނަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ ޝުއައިބު އަބުދުއްރަހުމާން ދަފްތަރު ނަމްބަރު 1188، އާއި ކާނަލް (ރޓ) އަހުމަދު ޖިހާދު ވ. ދިވެތީގެ އިތުރުން ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު ހއ. ދިއްދޫ ތިލަދޫ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލިސްޓުގެ ތަރުތީބުން ފުރަތަަމަ ވޯޓަށް އެހީ ޝުއައިބު އަބުދުއްރަހުމާންގެ ނަމަށެވެ. ނަމަވެސް އޭނާއަށް އެމަގާމަށް އައްޔަން ކުރަން ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 81 މެންބަރުންގެ ތެރެއިން އެންމެ އަށް މެންބަރުންނެވެ. ނުފެންނަ ކަމަށް 62 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ފާސްވާން 36 ވޯޓު ބޭނުން ވެއެވެ.
އެނަން ފާސް ނުވުމުން ދެން ވޯޓަށް އެއްސެވީ ޖިހާދުގެ ނަމަށެވެ. އަށްޑިހަ އެއް މެންބަރުންގެ ތެރެއިން ޖިހާދަށް 78 މެންބަރުން ވޯޓު ދެއްވިއެވެ.
ޖިހާދުގެ ނަން ފާސް ވުމުން މަރިޔަމް ޝަހުނީޒާގެ ނަމަށް ވޯޓަކަށް ނާއްސަވައެވެ.
ފަސް މެމްބަރުން ހިމެނޭ އެންއައިސީގައި މިހާރު ތިއްބަވަނީ ހަތަރު މެމްބަރުންނެވެ.
އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ.