ޔޫރޯ ކޮލިފައިން

ރޮނާލްޑޯ ގައުމީ ޓީމަށް 99 ލަނޑު ހަމަކޮށްފި، ޕޯޗުގަލް ޔޫރޯއަށް

ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު ލަގްޒެމްބާގް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ޔޫރޯ 2020 އިން ޖާގަ ހޯދައިފިއެވެ.

ޔޫރޯ ކޮލިފައިންގައި ރޭ ރަށުން ބޭރުގައި ކުޅުނު "ގްރޫޕު ބީ"ގެ މެޗުގައި ލަގްޒެމްބާގް އަތުން ޕޯޗުގަލް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ޕޯޗުގަލަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އަންދްރޭ ސިލްވާ ދިން ބޯޅައަކުން ޕިޒީ ފޮނުވާލި އެ ހަމަލާ ދިޔައީ ލަގްޒެމްބާގްގެ ހުރަސްދަނޑި މަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް، ޕޯޗުގަލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ބޭނާޑޯ ސިލްވާ ދިން ރީތި ބޯޅައަކުން ޕޯޗުގަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.

ޕޯޗުގަލުން ޖެހި ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. ޕޯޗުގަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ރޮނާލްޑޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޑިއޮގޯ ޖޮޓާ ފޮނުވާލި ހަމަލާއެއް ލަގްޒެމްބާގްގެ ކީޕަރު އެންތޮނީ މޮރިސް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ފޮނުވާލި ހަމަލާއަކުންނެވެ. އެއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 99 ވަނަ ލަނޑެވެ.

"ގްރޫޕު ބީ" އިން ޕޯޗުގަލްއާއެކު ޔޫރޯއަށް ކޮލިފައިވެފައިވަނީ ޔޫކްރޭނެވެ. އެއްވަނައިގައި އޮތް ޔޫކްރޭނަށް އަށް މެޗުން 20 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ޕޯޗުގަލަށް އަށް މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސާބިއާއަށް އަށް މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ލަގްޒެމްބާގަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި އޮތް ލިތުއޭނިއާއަށް އަށް މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މިހާތަނަށް 17 ޓީމެއް ވަނީ ޔޫރޯއަށް ކޮލިފައިވެއެވެ. އެޓީމުތަކަކީ އިނގިރޭސިވިލާތް، ޗެކް ރިޕަބްލިކް، ޔޫކްރޭން، ޕޯޗުގަލް، ޖަރުމަން، ނެދަލެންޑްސް، ކްރޮއޭޝިއާ، ސްޕެއިން، ސްވިޑަން، ޕޮލެންޑް، އޮސްޓްރިއާ، ފްރާންސް، ތުރުކީ، ބެލްޖިއަމް، ރަޝިއާ، އިޓަލީ އަދި ފިންލެންޑެވެ.