ޔޫރޯ ކޮލިފައިން

ކްރޮއޭޝިއާވެސް ކޮލިފިކޭޝަން ޔަގީންކޮށްފި، ގްރީސްއިން ފްރާންސް ހިފަހައްޓައިފި

ޔޫރޯ ކޮލިފިކޭޝަން ގްރޫޕް ޑީގައި ރޭ ކުޅުނު މެޗުގައި އަރްމޭނިއާ ކައިރިން މޮޅުވެ ކްރޮއޭޝިއާއިން ކޮލިފިކޭޝަން ޔަގީންކުރި އިރު، ފްރާންސުން ފަހު މެޗުގައި ގްރީސްއާ އެއްވަރު ވެއްޖެއެވެ.

ގްރޫޕް ޑީގައި ކްރޮއޭޝިއާއިން އަރްމޭނިއާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ގްރޫޕް ޑީގެ ދެވަނަ މަގާމު ކްރޮއޭޝިއާއަށް ޔަގީންވި އިރު، ރޭ ވޭލްސްއާ 1-1 އިން އެއްވަރުކޮށް ތުރުކީން ވަނީ ގްރޫޕް އެއްވަނަ ޔަގީންކޮށްފައެވެ. ވޭލްސްއަށް ޔޫރޯއަށް ކޮލިފައިވާން ދެން އިންތިޒާރު ކުރަން ޖެހޭނީ ޕްލޭ އޮފްއަށެވެ.

ރޭގެ މެޗު ފެށިގެން ފުރަތަމަ ހާފުގެ ފަހުކޮޅާ ޖެހެންދެން ކްރޮއޭޝިއާއަށް މާޔޫސީކޮށް ދިޔަ ނަމަވެސް، 43 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. އަންޓޭ ބުޑިމީރް ޖެހި އެ ގޯލަކީ ބޯނާ ސޯސާ ނަގައިދިން ހުރަހަކުން އޭނާ ޖެހި ގޯލެކެވެ.

ކްރޮއޭޝިއާއިން 2004 ވަނަ އަހަރުން ފެށިގެން ކޮންމެ ޔޫރޯއަކަށްވެސް ކޮލިފައިވާ އިރު، 2010 ވަނަ އަހަރުން ފެށިގެން ކްރޮއޭޝިއާ އަންނަނީ ބޮޑެތި ހުރިހާ މުބާރާތެއްގައި ކުޅެމުންނެވެ.

ފްރާންސުން ހުރިހާ މެޗަކުން މޮޅުވަމުން ގޮސް، ރޭ ކޮލިފިކޭޝަން ފަހުމެޗުގައި ނުކުތީ ގްރީސްއާ ދެކޮޅަށެވެ. ގްރީސް ދަނޑުގައި ރޭ ކުޅުނު މެޗު 2-2 އިން އެއްވަރުވި އިރު، އެ މެޗުގެ ނަތީޖާއާއެކުވެސް ފްރާންސުން ނިންމާލީ ގްރޫޕް ބީގެ އެއްވަނައިގައެވެ.

ފްރާންސަށް ރޭގެ މެޗުގައި ލީޑު ނަގައިދިނީ ރަންޑަލް ކޯލޯ މުއާނީއެވެ. ގްރީންސުން އެއްވަރުކުރީ އޭގެ އިރުކޮޅެއް ފަހުން އަނަސްޓަސިއޯސް ބަކަސެޓަސްއެވެ. ރޭގެ މެޗުގައި ކިލިއަން އެމްބާޕޭ ބެންޗުން އަރާފައިވާ އިރު، ކިލިއަން އެމްބާޕޭގެ ބޯޅައިން ޔޫސުފް ފޮފާނާ ގޯލު ޖަހައި އަނެއްކާވެސް ފްރާންސުން ލީޑު ނެގިއެވެ.

ގްރީސްއަށް މެޗުގައި އެއްވަރުކުރީ ލޯނިޑިސް ޖެހި ގޯލުންނެވެ. ގްރީސްއިން ރޭގެ މެޗުގައި އެއްވަރުކޮށް ޕްލޭ އޮފް ޖާގައެއް ޔަގީންކުރި އިރު، އެ ގްރޫޕްގެ ދެވަނަ ހޯދީ ނެދަލެންޑްސްއިންނެވެ.