ވޯލްޑް ކަޕް ކޮލިފައިން

ރާއްޖެ-ގުއާމް މެޗުގެ ޓިކެޓު ވިއްކަން ފަށައިފި

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ގުއާމް ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

މިއަދުން ފެށިގެން ޓިކެޓު ހުސްވަންދެން އަންނަ އަންގާރަ ދުވަހާ ހަމައަށް ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވެއެވެ. ޓިކެޓު ވިއްކަމުންދަނީ ގައުމީ ފުޓުބޯޅަ ދަނޑުގެ ދެ ނަމްބަރު ގޭޓް (އޮލިމްޕަސް ކުރިމަތި) އިންނެވެ.

މިއަދު ހަވީރު 4:15 އިން ފެށިގެން 6:00ގައި ޓިކެޓު ވިއްކުމަށްފަހު، މިރޭ 8:00 އިން ފެށިގެން 11:00 އަށް ޓިކެޓު ވިއްކާފައިވެއެވެ. މާދަމާ ވެސް އެ ގަޑިތަކުގައި ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި މެޗު ކުޅޭ ދުވަސްކަމުގައިވާ އަންގާރަ ދުވަހު ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.

ދަނޑުގެ އިރުމަތީ ފަރާތު ސިޑިބަރިތަކުގައި ރެނދުލާފައިވާތީ އެ ސަރަހައްދު ބޭނުންކުރުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން އަންގާފައިވުމުން ގައުމީ ފުޓުބޯޅަ ދަނޑުގައި ކުރިން ކުޅުނު ކޮލިފައިންގެ ދެ މެޗެކޭ އެއްގޮތަށް ގުއާމްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ވެސް ވިއްކުމަށް ހަމަޖެހިފައިވަނީ 3000 ޓިކެޓެވެ.

ކޮލިފައިންގައި ރާއްޖެ އާއި ގުއާމް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00ގައެވެ. މީގެ ކުރިން ގުއާމްގައި ކުޅުނު މެޗު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)ގެ ލަނޑުން ރާއްޖެ އެ މެޗުން މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

ރާއްޖެއިން ވަނީ ކޮލިފައިންގައި މިދިޔަ ބުރާސްފަތި ދުވަހު ފިލިޕީންސްއާ ދެކޮޅަށް ނުކުމެފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ރާއްޖެ ވަނީ 2-1ގެ ނަތީޖާއަކުން ބަލިވެފައެވެ. އެ ނަތީޖާއާއެކު ރާއްޖެ އާއި ފިލިޕީންސްއާ ދެމެދު އޮތް ފަރަގު މިހާރު ވަނީ ހަތަރު ޕޮއިންޓަށް ބޮޑުވެފައެވެ.

ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރާއްޖެ އޮތީ "ގްރޫޕު އޭ"ގެ ހަތަރުވަނައިގައެވެ. އެއްވަނައިގައި އޮތް ސީރިއާއަށް ހަތަރު މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ގްރޫޕުގެ ދެވަނައިގައި އޮތް ޗައިނާ އާއި ތިންވަނައިގައި އޮތް ފިލިޕީންސް، އެއިން ކޮންމެ ޓީމަކަށް ވެސް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ރާއްޖޭގެ ފަހަތުން ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ހަތަރު މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.