އެފްއޭއެމް

ރާއްޖޭގެ ހަތް ކްލަބަކަށް އޭއެފްސީ ކްލަބު ލައިސަންސް ލިބިއްޖެ

އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ވާދަކުރުމަށް ބޭނުންވާ އޭއެފްސީ ކްލަބު ލައިސަންސް ރާއްޖޭގެ ހަތް ކްލަބަކަށް ލިބިއްޖެއެވެ.

މިއަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ޓީމަކަށް ފުރުސަތު ނުލިބުނު މައްސަލައިގައި އެކަން ބެލުމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ކޮމިޓީއެއް ވެސް އެކުލަވާލިއެވެ. ނަމަވެސް އެ ކޮމިޓީއަށް މަސައްކަތް ކުރިއަށްގެންދިއުމުގެ ފުރުސަތު ނުލިބި، އެ މަސައްކަތް ހުއްޓާލަން ޖެހުނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ވަނީ އޭއެފްސީ ކަޕްގެ ކްލަބު ލައިސަންސް ލިބުނު ހަތް ކްލަބުގެ ނަން އިއުލާންކޮށްފައެވެ. އެ ހަތް ކްލަބަކީ ކްލަބު އީގަލްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ފޯކައިދޫ ފުޓްބޯލް ކްލަބުގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބުތަކުގެ ތެރެއިން ކްލަބު ލައިސަންސް ލިބިފައި ނުވާ ދެ ކްލަބަކީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިލަންދޫ ސްޕޯޓްސް ކްލަބެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ ނިލަންދުއަށް ފުރުސަތު ލިބިފައިނުވަނީ ފުޓުބޯޅައިގައި އެކްލަބު ހަރަކާތްތެރިވި އަހަރު މަދުވުމުން ކަމަށެވެ. މިއަހަރު ދިވެހި ޕްރިމިއާ ލީގަށް ނިލަންދޫ ނުކުތީ ކްލަބެއް ހަދައި، "ނިލަންދޫ ސްޕޯޓްސް ކްލަބު"ގެ ނަންމަތީގައެވެ.

ވިކްޓަރީއަށް ފުރުސަތު ލިބިފައިނުވަނީ ލިޔެކިޔުންތައް ފުރިހަމަ ނުވުމާ ގުޅިގެން ކަމަށާއި އެކްލަބަށް ކްލަބު ލައިސަންސްގެ ކަންތައް ފުރިހަމަކުރުމަށް ގިނަ ފުރުސަތުތަކެއް ދީފައިވާނެ ކަމަށް ޖަވާ ވިދާޅުވިއެވެ. އަދި އެކްލަބުގެ އެޑްމިނިސްޓްރޭޓިވް މައްސަލަތަކުގެ އިތުރުން ކުޅުންތެރިންގެ ކޮންޓްރެކްޓާއި މުސާރައިގެ ގިނަ މައްސަލަތަކެއް ހުރިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.