ޚަބަރު

ޝަހީމުގެ ބޮލުގައި އަޅުވާ އިލްޒާމުތައް ކުށްވެރިކުރަން، އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އިދިކޮޅު

އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމުގެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދަށް ކޮށްފައިވާ ތުހުމަތު ތަކަކީ އޭނާގެ ބޮލުގައި ބޮޑު އިލްޒާމެއް އަޅުވަން ބަޔަކު ފަތުރަމުންދާ ވާހަކަތަކެއް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އެކަން ކުށްވެރިކޮށްފިއެވެ.

ޑރ. އަފްރާޝީމުގެ މަރުގެ މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ނެރުނު ރިޕޯޓްގައިވާ މައުލޫމާތު ބަޔާންކުރާ ގޮތުގައި، އަފްރާޝީމް ރުޖޫއަވެ މީޑިއާގައި އިއުލާން ކޮށްފިނަމަ އެމެސެޖު ފޮނުވި ބަޔަކު އަފްރާޝީމުދެކެ ލޯބިވާނެ ކަމަށް ބުނާ ޓެކްސް މެސެޖެއް، އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކުރިން ޑރ. ޝަހީމަށް ލިބިފައިވެއެވެ.

ނަމަވެސް ޑރ. ޝަހީމަށް އެމެސެޖު ފޮނުވި ފަރާތް ކޮމިޝަނަށް ސާފުކޮށްދީފައިނުވާ ކަމަށާއި އަދި އޭނާ ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތު ނޫން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ޝަހީމުގެ ބޮލުގައި އެފަދަ ބޮޑު އިލްޒާމެއް އެޅުވުމަށް ބަޔަކު ފަތުރަމުންދާ ވާހަކަތައް ހަރުކަށިކޮށް ކުށްވެރިކޮށް ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އަފްރާޝީމުގެ މަރު ތަހުގީގުކޮށް މަރުތައް ބަލާ ކޮމިޝަނުން ނެރުނު ރިޕޯޓާއި ގުޅިގެން ޑރ. ޝަހީމުގެ އަބުރުކަތިލާ، އޭނާއާ ބެހޭގޮތުން ސާބިތުނުހިފޭ ދޮގުވާހަކަތަކެއް ފަތުރައި، އަފްރާޝީމް އަވަހާރަކޮށްލުމުގެ ފަހަތުގައި ޝަހީމުގެ އަތެއްވާކަން ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޝަހީމަކީ ދީނީ އިލްމު އުނގެނިވަޑައިގެން ހުންނެވި މާތް އަހުލާގެއްގެވެރި، ހެޔޮލަފާ އަދި ރަނގަޅު އިލްމުވެރިއެއް ކަމަށާއި އެގޮތުން ޝަހީމަކީ އެފަދަ އަމަލެއް ހިންގަވާނެ ބޭފުޅެއް ނޫންކަމަށް އެ ކޯލިޝަނުން ގަބޫލުކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

"މިކަމަކީ ޑރ. ޝަހީމަށް އަމާޒުކޮށް، ރޭވިގެން ހިންގާ ޖަރީމާއެކެވެ. މިއީ ސާބިތުނުހިފޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް، ޑރ. ޝަހީމުގެ އަގުވައްޓާލުމަށް ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމަށް މި ކޯލިޝަނުން ދެކެމެވެ. އެހެންކަމުން، ޑރ. އަފްރާޝީމު އަލީގެ އަވަހާރަކޮށްލި ހާދިސާއާއި ގުޅޭގޮތުން މަރު ކޮމިޝަނުން އިތުރު ދިރާސާތައްކޮށް، މިކަމުގެ އަސްލާ ހަމައަށް ދިއުމަށް އިންސާފުވެރި ތަހުގީގެއް ހިންގުމަށް މި ކޯލިޝަނުން ގޮވާލަމެވެ،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.

ޑރ. އަފްރާޝީމުގެ މަރުގެ ތަހުގީގު ރިޕޯޓުގައި ރިޔާސީ ކޮމިޝަނުން ބުނީ، އަފްރާޝީމު އަވަހާރަކޮށްލި ދުވަސް އޮކްޓޯބަރު 1، 2012 ގައި އޭރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޑރ. ޝަހީމްއާ ބައްދަލު ކުރެއްވުމަށް އަފްރާޝީމް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވި ކަމަށް މިއަހަރުގެ ޖުލައި މަހު ލިއުމުން ޝަހީމު ކޮމިޓީއަށް ފޮނުވި މައުލޫމާތުގައި ވިދާޅުވެފައިވާ ކަމަށެވެ.

އެ ދުވަހު ޝަހީމްއާ ބައްދަލު ކުރެއްވުމަށް އަފްރާޝީމް ވަަޑައިގެންނެވީ ޝަހީމް އެދި ވަޑައިގެންނޫން ކަމަށް ވިދާާޅުވި ނަމަވެސް ދެ ބޭފުޅުންގެ ދެމެދުގައި އެ ދުވަހު އެސްއެމްއިން ބަދަލު ކުރި މެސެޖުތަކަށް ބަލާއިރު، އެރޭ އަފްރާޝީމް އެރުއްވި ޓީވީ ޕްރޮގްރާމާ ބެހޭގޮތުން އެ ދުވަހުގެ 1:00 އަށް ވަޑައި ގަތުމަށް ޝަހީމް ދަންނަވާފައިވާކަމަށް ރިޕޯޓިގައި ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.