ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ރައްކާކުރަން ކ. ތިލަފުށީގައި ތަރައްގީ ކޮށްފައިވާ ގުދަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްލަވާ ލައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސް ތިލަފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ގުރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރާއި އެ ކުންފުނީގެ އިސް މުވައްޒަފުންނެވެ.
ތިލަފުއްޓަށް ރައީސް ވަޑައިގެން އަލަށް ތަރައްގީ ކޮށްފައިވާ ގުދަންތައް ބައްލަވާލައްވައި އެތަނުގައި ގާއިމުކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރެއްވިއެވެ.
ނުރައްކާތެރި ކެމިކަލުގެ ބާވަތްތައް ރައްކާކުރަން ހާއްސަ ގުދަންތަކެއް ތިލަފުށީގައި ތަރައްގީ ކޮށްފައި މިވަނީ، މިދިޔަ ސެޕްޓެމްބަރު މަހު ހ. އަބަދަށްފަހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން މާލޭގައި ހުރި ނުރައްކާތެރި ކެމިކަލުގެ ބާވަތްތައް ރައްކާތެރިކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރަން ރައީސް ނިންމެވުމާއި ގުޅިގެންނެވެ.
ރައީސް މިގޮތަށް ނިންމެވީ ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު މާލޭގައި ގުދަންކުރާ ގޮތުގެ ސަބަބުން މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
އެގޮތުން ދެ މަސް ތެރޭގައި 34 ގުދަން ހަދައި ނިންމަން ޖީއެމްއައިޒެޑްއެލްއާ ހަވާލުކުރިއެވެ. ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަދި ހާއްސަކޮށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ މި ގުދަންތަކުގެ ތެރޭގައި 300 އާއި 800 އަކަފޫޓާއި ދެމެދުގެ ޔުނިޓުތައް ހިމެނެއެވެ.