ރައްޔިތުންނަށް ހިދުމަތްކުރުމުގެ މަތިވެރި ހިދުމަތުގައި ސާބިތުކަމާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މި ޔަގީންކަން ރައްޔިތުންނަށް ދެއްވާފައި މިވަނީ އެމަނިކުފާނުގެ ވެރިކަމަށް މިއަދު އެއް އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަށް ހަމަޖެހުމާއި ފާގަތިކަން ގެނައުމަށް އެމަނިކުފާނާ މަތި ކުރެއްވި ޒިންމާއަށް އަހަރު ފުރިގެންދާއިރު ރައްޔިތުން ދެއްވި އިތުބާރާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާ ކަމަށެވެ.
"މާތްﷲގެ ވާގިފުޅާއެކު މި މަތިވެރި ހިދުމަތުގައި ސާބިތުކަމާއެކީ ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިދިކޮޅުު ލީޑަރުންނަށް ދެމުންދިޔަ އަނިޔާ އާއި ނުހައްގު އަނިޔާ ލިބިފައިވާ އެތަައް ބަޔަކާއި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އާންމުގެ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެން ފެށުމުން ރައީސް އަދި އޭރު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅަކަށްވީ ސިޔާސީ ލީޑަރުން މިނިވަންކޮށް، އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދީ، ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުން ގައުމު ސަލާމަތް ކުރައްވާނެ ކަމަށެވެ.
އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ކުރީގެ ރައީސް އަދި މިހާރު އެމްއާރުއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އަދި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފާޓީތަކުގެ ބުރަ މަސައްކަތުންނާއި ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ރައީސް ސޯލިހު އެއްބުރުން އިންތިހާބު ކާމިޔާބު ކުރެއްވިއެވެ.
އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރު، 17، 2018 ގައެވެ.
ރައީސް ސޯލިހު ވެރިކަމަށް އަހަރެއް ފުރިގެންދިޔައިރު އެމަނިކުފާނު ވެވަޑައިގެން ގިނަ ވައުދުތަކެއް ވަނީ ހާސިލު ކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނު ވެވަޑައިގެން ވައުދާއެއްގޮތަށް ވެރިކަމުގެ ފުރަތަމަ ދުވަހު ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވިއެވެ.
ގާނޫނީ ބާރުވެރިކަން ހޯދައިދީފައިވާ އެ ދެ ކޮމިޝަނުން މިހާރު ވަނީ ދީނީ އިލްމުވެރިޔާ އަދި ކުރީގެ މެމްބަރު އަފްރާޝީމު އަލީ އާއި ބަންގުލަދޭޝްގައި ކިޔަވަން ހުއްޓާ މަރުވި ރައުދާ އާތިފުގެ މަރުގެ މައްސަލަ ތަހުގީގުކޮށް ފައިނަލް ރިޕޯޓު ރައީސަށް އަރުވައިފައެވެ. މީގެ އިތުރުން ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެ މައްސަލަ ފަދަ ބޮޑެތި މަރުތަކާއި ގޮތްނޭނގޭ އެތައް މަރުތަކެއްގެ މައްސަލަތައް ދަނީ ބާރު ސުޕީޑުގައި ކުރިއަށެވެ.
މީގެ އިތުރުން އަބުރުރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ ގާނޫނުގެ ނަމުގައި ރައީސް ޔާމީންގެ ސަރުކާރުން އެކުލަވާލި ގާނޫނުތައް ރައީސް ސޯލިހުގެ ވެރިކަމަށް ވަޑައިގެން ވަނީ އުވާލައްވައިފައެވެ.
ރައީސް ސޯލިހުގެ ސަރުކާރުގައި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ ކުރިއެރުމަށް ވެސް ކޮށްފައިވާ މަސައްކަތްތައް ގިނައެވެ. އެގޮތުން ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލުތައް ގާއިމްކުރުމުގެ މަސައްކަތާއި ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޮނުވައި، ގައުމީ އެމްބިއުލާންސުގެ ހިދުމަތް ތައާރަފް ކުރަން ކުރަމުންދާ މަސައްކަތުގެ އިތުރުން ހާއްސަކޮށް އަތޮޅު ތެރޭގެ ސިއްހީ ނިޒާމަށް ބަދަލުތަކެއް ގެންނަވަން ވަނީ ފައްޓަވައިފައެވެ.
ތައުލީމީ ދާއިރާގެ ތެރެއިން އެއްވެސް ސުކޫލެއް ތަފާތު ކުރުމެއްނެތި ދަރިވަރުންގެ ނާސްތާ ޕްރޮގްރާމް ފެށި ކާމިޔާބު ކަމާއެކު ކުރިއަށްދާއިރު، 567 ދަރިވަރަކަށް ސްޓޫޑެންޓް ލޯނު ދޫކޮށް، ހިލޭ ޑިގުރީއަށް ކިޔެވުމުގެ ޕްރޮގްރާމުގެ ދަށުން 4736 ދަރިވަރުން ދަނީ ކިޔަަވަމުންނެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަކީ ވެސް މި ސަރުކާރުގެ މުހިންމު ވައުދެކެވެ. އެގޮތުން ހުޅުމާލޭގައި އިތުރު ފްލެޓްތަކެއް އެޅުމަށާއި އަތޮޅުތެރޭގެ އެތައް ރަށެއްގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ވަނީ ތައްޔާރުވެފައެވެ. އަދި ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށުމެވެ.