ޚަބަރު

އިތުރު ފަސް މެޖިސްޓުރޭޓެއްގެ ސުލޫކީ މައްސަލަތަކެއް ބަލަނީ

1

ފަސް ރަށެއްގެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީން މިހާރު ވެސް ދަނީ ގިނަ މެޖިސްޓުރޭޓުންތަކެއްގެ މައްސަލަތަކެއް ބަލަމުންނެވެ. އެގޮތުން ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ބައްދަލުވުމުގައި ސުލޫކީ މައްސަލަ ބަލަން ނިންމާފައިވަނީ ފ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްލަތީފު ހަމީދާއި ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓުރޭޓް އަބްދުލްއަޒީޒު މޫސާގެ މައްސަލައެކެވެ.

އޭގެ އިތުރުން ގއ. ކޮނޑޭ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓުރޭޓް މުހައްމަދު އިބްރާހިމް އާއި ގދ. މަޑަވެލި މެޖިސްޓުރޭޓް ކޯޓުގެ އިސް މެޖިސްޓުރޭޓް ޝާތިރު ހަސަން އަދި ބ. ދަރަވަންދޫ މެޖިސްޓުރޭޓް ކޯޓުގެ އިސް މެޖިސްޓުރޭޓް އަހުމަދު ލަތީފުގެ ސުލޫކީ މައްސަލައެއް ވެސް ބަލަން މިއަދު ނިންމިއެވެ.

ނަމަވެސް މި މެޖިސްޓުރޭޓުންގެ ބަލަމުންދަނީ ކޮންކަހަލަ ސުލޫކީ މައްސަލަތަކެއް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި އިތުރު ދެ ކަމެއް ވެސް ވަނީ ނިންމައިފައެވެ. އެގޮތުން އެ ކޮމިޝަނުން 14 މެޖިސްޓުރޭޓް ކޯޓަކަށް މެޖިސްޓުރޭޓުން ހޯދަން މިިދިޔަ އޮކްޓޯބަރު މަހު ކުރި އިއުލާނުގެ ސުންގަޑި ހަމަވިއިރުވެސް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ އެ މަގާމުތަކަށް އަލުން އިއުލާން ކުރަން ނިންމިއެވެ.

އޭގެ އިތުރުން ސުޕްރީމު ކޯޓުގެ އިދާރީ ހިންގުމުގެ ނިޒާމާއި މާލީ ކަންކަން ހިނގަމުންދާގޮތް ބެލުމަށް ޖުޑީޝަލް އެޑްމިނިސްޓުރޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓުރޭޝަން (ޑީޖޭއޭ)ގެ އިންޓާނަލް އޮޑިޓް ޔުނިޓުން ސުޕްރީމު ކޯޓުގެ ސްޓްރެޓީޖިކް އޮޑިޓެއް ކުރުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟