ޚަބަރު

ސުޕްރީމް ކޯޓުގެ އޮޑިޓެއް ކުރަން ޖޭއެސްސީން ނިންމައިފި

އާނިފާ ހުސެއިން ސިރާޖް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އޮޑިޓް ޔުނިޓުން، ސުޕްރީމު ކޯޓުގެ ސްޓްރެޓިޖިކް އޮޑިޓެއް ކުރުމަށް ނިންމައިފިއެވެ.

އެ ނިންމުން ނިންމީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭއްވި އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައެވެ.

ޖޭއެސްސީން ބުނީ، ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ ނިޒާމާއި މާލީ ކަންކަން ހިނގަމުންދާގޮތް ބެލުމަށްޓަކައި ޖުޑީޝަލް އެޑްމިނިސްޓުރޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން ޑީޖޭއޭގެ އިންޓާނަލް އޮޑިޓު ޔުނިޓުން ސުޕްރީމު ކޯޓުގެ ސްޓްރެޓިކް އޮޑިޓެއް ކުރުމަށް މިއަދުގެ ބައްދަލުވުމުގައި ނިންމި ކަމަށެވެ.

ސުޕްރީމު ކޯޓުގެ އޮޑިޓެއް ހެދުމަށް ޖޭއެސްސީން ނިންމާފައިވާއިރު، އާންމު ފަރާތަކުންވަނީ ސުޕްރީމު ކޯޓުގެ ޕެޓީ ކޭޝް ފައިސާ، އެ ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މެންދުރުގެ ފަރިއްކޮޅަށް ހަރަދު ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލައެއް ހުށަހަޅައިފައެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލައިގެ ސިޓީގައި ބުނެފައިވާ ގޮތުން، އެ ހަތަރު ފަނޑިޔާރުންނަކީ ސަސްޕެންޑު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ސުޕްރީމު ކޯޓު ހިންގެވުން ހަވާލުކޮށްފައިވާ ފަނޑިޔާރު އަބްދުﷲ އަރީފު އަދި އަބްދުލް ޣަނީ މުހައްމަދެވެ.

މީގެ އިތުރުންވެސް، ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ގިނަ ސުލޫކީ މައްސަލަތަކެއް މިހާރު ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.