ރާއްޖެޓީވީ ރޯކޮށްލި ދުވަހު، މިޝަން ކާމިޔާބު ވެއްޖެކަމަށް ވިދާޅުވެ، އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަހުމަދު އަދީބު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މެސެޖެއް ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާ ކުރީގެ މެމްބަރު އަހްމަދު ނާޒިމު، މަރުގެ ތަހުގީގުކުރާ ކޮމިޝަނަށް ދެއްވާފައިވާ ބަޔާނަކުން ހާމަވެއްޖެއެވެ.
ނާޒިމު އެ ބަޔާން ދެއްވާފައިވަނީ ޑރ. އަފްރާޝީމު އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގަށެވެ. އެ މަރުގެ ތަހުގީގުގެ ފައިނަލް ރިޕޯޓު ސަރުކާރުން މިހާރު އާންމު ކޮށްފައިވާއިރު، އެ ރިޕޯޓުގައި 2013 ވަނަ އަހަރު ހިނގި ރާއްޖެޓީވީގައި ރޯކޮށްލުމުގެ މައްސަލައިގެ ތުހުމަތު ރައީސް ޔާމީނަށާއި އަދީބަށް ވަނީ ކުރައްވައިފައެވެ.
ނާޒިމުގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެޓީވީ ރޯކޮށްލި ދުވަހު ޔާމީނުގެ ގެކޮޅުގައި ތާސް ކުޅުއްވަން އިންދައި އެމަނިކުފާނުގެ ފޯނަށް މެސެޖެއް އައި ކަމަށާއި އަދި އެވަގުތު ޔާމީނު އައިނު ނާޅުއްވާ އިންނެވުމުން އެމެސެޖު އޭނައަށް ނުކިޔޭތީ ނާޒިމުގެ ގާތު އެމެސެޖު ކިޔައިދިނުމަށް އެދުނު ކަމަށެވެ. އެގޮތުން އެ މެސެޖަކީ އަދީބުގެ މެސެޖެއް ކަމަށާއި މެސެޖުގައި އޮތީ "މިޝަން އެކޮމްޕްލިޝް" ކަމަށް ނާޒިމު ވިދާޅުވިއެވެ.
ނާޒިމު ވިދާޅުވީ އެއީ ކޮން ކަމަކަށް ބުނި އެއްޗެއް ކަމެއް އޭރު ނޭނގުނު ނަމަވެސް ފަހުން އެދުވަހު ރާއްޖެޓިވީ ރޯކޮށްލައިގެން އުޅޭކަން އެނގުމުން މި މެސެޖަކީ އެކަމާ ގުޅުންހުރި މެސެޖެއްކަން އެނގުނު ކަމަށެވެ.
ކޭޓީ ބިލްޑިންގްގައި ހުންނަ ރާއްޖެ ޓީވީގެ އިމާރާތުގައި ރޯކޮށްލީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުގެ ފަތިހު 4:42 އެހާކަންހާއިރުއެވެ. އެ ހަމަލާއާ ގުޅިގެން ތައްޔާރުކުރި އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި އެ ހާދިސާގައި 11.65 މިލިއަން ރުފިޔާގެ ގެއްލުމެއް އެތަނަށް ލިބުނެވެ.