ޚަބަރު

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރުން މާދަމާ

އިބްރާހިމް ޒަކީ

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކި ކުރުމާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ތެރޭގަ އެވެ. އެއީ ފަނޑިޔާރުކަމުން އެ ދެބޭފުޅުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑިޝަަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިިން ނިންމާފައިވާ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ރިޕޯޓުގެ ގޮތުގައެވެ.

އެ މައްސަލަ ޖުޑިޝަރީން ދިރާސާ ކުރުމަށްފަހު ތައްޔާރު ކުރި ރިޕޯޓްގައިވެސް ކޮމިޓީން ފާސް ކޮށްފައި ވަނީ އެ ދެބޭފުޅުން ފަނޑިޔާރުކަމުން ވަކި ކުރަން ޖޭއެސްސީން ނިންމާފައި ވަނީ ރަނގަޅަށް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކި ކުރުމާމެދު މަޖިލީހުން ގޮތެއް ނިންމުމަށް މާދަމާއަށް އެޖެންޑާ ކޮށްފައިވާއިރު، ޖޭއެސްސީން މިހާރުވެސް ނިންމާފައި ވަނީ 60 ދުވަހަށްވުރެ އިތުރު ނުވާނޭ މުއްދަތަށް އެ ދެބޭފުޅުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކޮށްފައެވެ.

ދެ ފަނޑިޔާރުން ވަކި ކުރަން ޖޭއެސްސީން ނިންމީ އެ ދެ ފަނޑިޔާރުންނާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެ ފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީއަށް ސާބިތުވާ ތީކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައި ބުނެފައިވަނީ ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުގައި ބައިވެރިވެ ވަޑައިގަންނަވާ މެމްބަރުންގެ ތިން ބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.