އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމުގެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް މިހާރު ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަރު ކޮމިޝަނުން ކުރައްވާފައިވާ ތުހުމަތުތަކާ ގުޅިގެން އޭނާގެ ވަރުގަދަ ބަހުގެ ހަމަލާއެއް ސަރުކާރަށް ދީފިއެވެ.
ޑރ. އަފްރާޝީމު އަލީގެ މަރުގެ މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގީ ރިޕޯޓުގެ ހުލާސާއެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. މި ރިޕޯޓުގައި ޑރ.ޝަހީމަށް ތުހުމަތު ކުރައްވާފައިވުމުން މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަބުރު ކަތިލައި ތިއެޅީ ވެރިކަން ނިންމުމުގެ ބިންގާކަމުގައި ވެސް ވެދާނެ ކަމުގައެވެ.
"އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަަށް އެއް އަހަރު ދުވަސް ފާހަގަކުރަން ނުހައްގުން ކަތިލި ކަންބަޅި ބަކަރިއަކީ އަޅުގަނޑުތޯ އެވެ. އަޅުގަނޑުގެ އަބުރުކަތިލައި ތިޔަ އެޅި ވެރިކަން ނިންމުމުގެ ބިންގަލަށްވެސް ވެދާނެއެވެ. ތިޔަ ދިނީ އެންމެ ބޮޑު އަނިޔާ" ޝަހީމު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
މި ރިޕޯޓުގެ ހުލާސާ ބަޔާން އިއްވަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ރިޕޯޓްގައިވާ މައުލޫމާތު ބަޔާންކުރާ ގޮތުގައި، އަފްރާޝީމް ރުޖޫއަވެ މީޑިއާގައި އިއުލާންކޮށްފިނަމަ އެ މެސެޖު ފޮނުވި ބަޔަކު އަފްރާޝީމުދެކެ ލޯބިވާނެ ކަމަށް ބުނާ ޓެކްސް މެސެޖެއް، އަފްރާޝީމު އަވަހާރަ ކޮށްލުމުގެ ކުރިން ޑރ. ޝަހީމަށް ލިބިފައިވެއެވެ. ނަމަވެސް ޑރ. ޝަހީމަށް އެ މެސެޖު ފޮނުވި ފަރާތް ކޮމިޝަނަށް ސާފުކޮށްދީފައިނުވާ ކަމަށާއި ޑރ. ޝަހީމު ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތު ނޫން ކަމަށް ވެސް ކޮމިޝަންގެ ރިޕޯޓާ ހަވާލާދީ ރައީސް ނަޝީދު ވިދާޅުވިއެވެ.
މިކަން ދޮގުކުރައްވައި މިއަދު ޑރ. ޝަހީމް ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ ޑރ. އަފްރާޝިމުގެ މަރާއި މައުސޫމް މީހުންނާ ގުޅުވަންކުރާ މަސައްކަތަކީ ހަގީގީ ގާތިލުން ފޮރުވަން ކުރާ ކަމެއް ކަމަށެވެ. އަދި ޕްރޮގްރާމާ ގުޅޭގޮތުން މަރު ކޮމިޝަނަށް ދީފައިވަނީ ތެދު މައުލޫމާތު ކަމަށް ވެސް ވިދަޅުވިއެވެ.
އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލީ އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ. އަފްރާޝީމުގެ މަރުގެ މައްސަލަ ތަހުގީގުކޮށް މަރުތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގީ ރިޕޯޓް ސަރުކާރުން މިހާރު ވަނީ އާންމުކޮށްފައެވެ.