ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ސަރުކާރުން އާއްމު ކޮށްފިއެވެ.
މި ރިޕޯޓް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި މިއަދު އާއްމު ކޮށަފައިވަނީ ނޫސްބަޔާނަކާ އެކުގައެވެ.
އެނޫސް ބަޔާނުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު 17 ނޮވެމްބަރ 2018 ގައި އުފެއްދެވި، މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނާ އެ މަސައްކަތް ހަވާލު ކުރެއްވީ، 1 އޮކްޓޫބަރު 2012 ދުވަހުގެ ރޭ ވަރަށް އަނިޔާވެރި ކަމާއެކު އަވަހާރަކޮށްލާފައި ވާތީވެ، އެކަން ރޭވި މީހުންނާއި، އެކަން އެ ބަޔަކު ކުރަން ބޭނުންވި ސަބަބު ހޯދުމަށާއި އެކަމަށް ހަރަދު ކުރި ފަރާތް ހޯދުމަށް ކަމަށެވެ.
މި ރިޕޯޓްގައި 121 ސަފްހާ ހިމެނެއެވެ.
މި ރިޕޯޓްގައި އަފްރާޝީމް އަވަހާރަ ކޮށްލި ހާދިސާގެ މައްސަލައިގައި ކޮމިޝަނަށް ބަޔާން ދީފައިވާ ފަރާތްތަކާއި އެ ކަމުގައި ބައިވެރިވި ފަރާތްތަކުގެ މައުލޫމާތުތައް ތަފްސީލް ކޮށް ވަނީ ހިމަނައިފައެވެ.