ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަސްމީ ގެކޮޅަށް މިއަހަރު 37 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ބުނެފިއެވެ.
ރައީސް ޔާމީން ދިރިއުޅުއްވާ ރަސްމީ ގެކޮޅަށް މިދިޔަ އަހަރު 35.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މިއަހަރަށް ލަފާކޮށްފައިވަނީ ރައީސް ޔާމީންގެ ރަސްމީ ގެކޮޅަށް 37.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ގެކޮޅަށް މިއަހަރު 4.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މިއަހަރަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 2.1 މިލިއަން ރުފިޔާއެވެ.
އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމަށް ވަޑައިގެންނެވުމަށް ފަހު އެމަނިކުފާނު ބޭނުންކުރައްވާ ރަސްމީ ގެކޮޅަށް 31.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ އިރު، ނައިބު ރައީސްގެ މަގާމުގެ ހުވާކުރެއްވުމަށް ފަހު ފައިސަލް ނަސީމް ބޭނުންކުރައްވާ ރަސްމީ ގެކޮޅަށް 2.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ރައީސް ޔާމީން 2013ގެ ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް، ރައީސް ކަމަށް ވަޑައިގެންނެވުމަށް ފަހު ފުރަތަމަ ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަ ގެކޮޅު ގ. ދޫވެހީގައެވެ. ނައިބު ރައީސް ކަމުން ޑރ. މުހައްމަދު ޖަމީލް އަހްމަދު ދުރުކުރެއްވިތާ ދުވަސްކޮޅެއް ފަހުން ރައީސް ޔާމީން ވަނީ ހިލާލީގެއަށް ބަދަލުވެވަޑައިގެންފައެވެ. އޭގެ ކުރިން ހިލޭލީގޭގައި ދިރިއުޅުއްވަމުން ގެންދެވީ ޖަމީލެވެ.