ޚަބަރު

އައިޖީއެމްއެޗްގައި އުފަންވި ކުދިންތަކެއް ނިޔާވި މައްސަލަ މަޖިލިސް ކޮމިޓީން ބަލަނީ

އިބްރާހިމް ޒަކީ

އައިޖީއެމްއެޗްގައި އުފަންވި ކުދިންތަކެއް ނިޔާވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއިން ދިރާސާކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރައިން ބުނީ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ބަލަން ފަށާފައިވާ ކަމަށެވެ.

އައިޖީއެމްއެޗަށް ވިހަން ގެނައި ދެމީހެއްގެ ދަރިފުޅު މަރުވި މައްސަލައިގެ ކަންބޮޑުވުންތަކެއް އުޅެން ފެށުމުން އެފަރާތުން ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނެއްގައ ބުނެފައިވަނީ އެ ދެކުދިން ވެސް ނިޔާވެފައިވާ ކަމަށް ބެލެވެނީ ވިހެއުމުގެ ކުރިން ކަމަށެވެ.

އެ ބަޔާނުގައި އައިޖީއެމްއެޗުން ބުނެފައި ވަނީ މިފަދަ ޕްރިނޭޓަލް (ވިހެއުމުގެ ކުރިން) މަރުގެ ފުރިހަމަ ތަހުގީގެއް އަބަދުވެސް ކުރިއަށް ގެންދާ ކަމަށާއި ޕްރިނޭޓަލް އަދި ޕޯސްޓްނޭޓަލް (ވިހެއުމަށް ފަހު) ކޮންމެ މަރަކީ ވެސް ހޮސްޕިޓަލުގެ ތެރޭގައި ތަހުގީގު ކުރުމުގެ އިތުރުން ހެލްތު މިނިސްޓްރީގެ ކަމާބެހޭ ކޮމިޓީންވެސް، ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ބަލަމުން އަންނަ ކަމެއް ކަމަށެވެ.

އައިޖީއެމްއެޗް އިން ބުނީ ކޮންމެ މަރެއްގެ ތަފްސީލު ވެސް އާއިލާއިން ބޭނުން ވެއްޖެ ނަމަ އާއިލާ އާއި ހިއްސާކުރަމުން ގެންދާ ކަމަށެވެ.