ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އެއް އަހަރު މިއަދަށް ފުރުނު އިރު، މި އެއް އަހަރު ފާހަގަ ކުރެވެނީ ގިނަ ގޮތް ގޮތުން ކާމިޔާބު އެއް އަހަރުގެ ގޮތުގަ އެވެ. އިދިކޮޅަށް ކަމުދާ ކަމެއް މިދިޔަ އެެއް އަހަރުތެރޭ ކުރެވިފައި ނެތް ނަމަވެސް، ރައީސް ސޯލިހުގެ ވެރިކަމުގައި ފާހަގަކޮށްލަން ޖެހޭ ރަނގަޅު ކަންތައްތައް ގިނަ ކަމަށް ދެކޭ މީހުން ގިނަ އެވެ.
އެންމެ ގިނަ ބަޔަކު ފާހަގަކުރާ ކަމަކީ، ރައީސް ސޯލިހު ކެތްތެރިކަމާއި ހިކުމަތްތެރިކަމާ އެކު ކަންކަން ނިންމެވުމަށް ދެއްވާ އިސްކަމެވެ. ޖަޒުބާތުގައި ނުވަތަ ކުއްލި ކުއްލިއަށް ކަންކަން ނުނިންމެވުމަކީ ދުރުވިސްނޭ ލީޑަރެއްގެ ފުށުގައި ހުރުން މުހިންމު އަސާސީ ސިފަޔެއް ކަމެއް ސިޔާސީ ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ. މިހާތަނަށް ބަލާ އިރު ކަންކަން ނިންމެވުމުގައި އަމަލުކުރައްވާފައި ހުރި ގޮތަށް ބަލާ އިރު، އެމަނިކުފާނުގެ ސިޔާސަތަށް ތާއީދުކުރާ މީހުން ގިނަކަން ފާހަގަ ކުރެވެ އެވެ.
މަލްޓިޕާޓީ ވެރިކަން ތައާރަފުވީ ފަހުން، ކޯލިޝަނުން ނޫން ގޮތަކަށް ރާއްޖޭގައި މީހަކު ވެރިކަމަށް އައިސްފައެއް ނުވެ އެވެ. އެހެން ނަމަވެސް އޭގެން ކޮންމެ ވެރިކަމެއްގައި ވެސް ކޯލިޝަން ދެމިއޮތީ ވަރަށް ކުރު މުއްްދަތަކަށެވެ. ކޯލިޝަން ތެރޭގައި އުފެދޭ ހިޔާލުތަފާތުވުންތަކަށް ހައްލެއް ނުހޯދި ލީޑަރުން ބައިބައިވެ ހަމަނުޖެހުންތައް އުފެދިގެން ދަނީ ފިސާރި އަވަހަށެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުގައި ކޯލިޝަން ވަނީ ދަމަހައްޓާފަ އެވެ. އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވާ ފަދައިން ވެރިކަމަށް ވަޑައިގެންނެވި ގޮތް ހަނދުމަފުޅުނައްތަވައިނުލެއްވުމުގެ ނަތީޖާއެއްގެ ގޮތުން، މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ކޯލިޝަންގެ ހުރިހާ ލީޑަރުން ގޮވައިގެންނެވެ.
ރިޔާސީ އިންތިހާބަށް ފަހު ކަންކަން ހިނގަމުން އައި މަގަށް ބަލާ އިރު، ފާއިތުވި ތަނުގައި ކޯލިޝަންތައް ރޫޅުމަށް މެދުވެރިވި ކަންކަމަށް ވުރެ މާ ބޮޑެތި ސިޔާސީ ރާޅު ރައީސް ސޯލިހުގެ ކޯލިޝަނަށް ނެގި އެވެ. ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އާއި ޖުމުހޫރީ ޕާޓީއާ ދެމެދު މަޖިލިސް ކެމްޕޭން ތެރޭގައި އުފެދުނު ސިޔާސީ ނުތަނަވަސްކަމަކީ، ހަރުދަނާ ސިޔާސީ ލީޑަރަކަށް ނޫނީ ހައްލު ނުކުރެވޭނެ މައްސަލަތަކެކެވެ. ގިނަ ބަޔަކު ދުށް ގޮތުގައި، މަޖިލިސް އިންތިހާބާ ހަމައިން ނުވަތަ އޭގެ ކުރީން ވެރިކަން ކުރާ ކޯލިޝަން ރޫޅޭނެ އެވެ. ބަހުގެ ހަމަލާތައް ހުރީ އެހާވެސް ހޫނުކޮށެވެ. އެމްޑީޕީގެ ޕާޓީލައިނުން، ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ ޖޭޕީ ކޯލިޝަނުން ނެރުމަށް ގޮވާލާފަ އެވެ.
ނަމަވެސް އެ ހުރިހާ ކަމެއް ބައްލަވައި އަޑު އައްސަވައި، ޕްރެޝަރު ތަކުގެ ތެރޭން ވެސް ރައީސް ސޯލިހު ވަނީ އެ މަރުހަލާ ކަޑައްތު ކުރައްވާފަ އެވެ. ކޯލިޝަން ޕާޓްނަރުންނަށް އިތުބާރު ކުރައްވާ ކަމަށް ރައީސް ސޯލިހު ގެންދަވަނީ ވިދާޅުވަމުންނެވެ. ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވެސް ވަނީ މި ސަރުކާރު ދެމެހެއްޓުމަށް ކުރާން ޖެހޭ ކޮންމެ ކަމެއް ކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޯލިޝަން ސަރުކާރު ދެމެހެއްޓެވުމުގެ ރެކޯޑު މި ވަގުތު އޮތީ ރައީސް ސޯލިހުގެ އަތްޕުޅުގަ އެވެ. އެތައް ސިޔާސީ ލީޑަރުންނަކާ އެކު މަސައްކަތް ކުރައްވާ އިރު، ހިޔާލު ތަފާތުވުން ހުންނާނޭ ކަމާ މެދު އެއްވެސް މީހަކު ދެބަހެއް ނުވާނެ އެވެ. އެކަމަކު ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، މުހިންމީ ހިޔާލުތަފާތުވުންތަކާ އެކު ވެސް ގައުމީ މަސްލަހަތުގައި ކުރިޔަށް ދިޔުމެވެ. އެކަން އެމަނިކުފާނު ގެންދަވަނީ ސާބިތުކޮށްދެއްވަމުންނެވެ.
ކޯލިޝަން މި އޮތީ ވެރިކަމަށް އައި އިރުވެސް އޮތް ގޮތަށެވެ. އެއްވެސް ބަޔަކު ވަތްކެއް ނުވެ އެވެ. ކުރިމަގަށް ބަލާ އިރު، ދެން އެންމެ އަވަހަށް އަންނާނީ ލާމަރުކަޒީ އިންތިހާބެވެ. މަޖިލިސް އިންތިހާބަށް އެރިވަރުގެ ވާން ކަމެއް އެ އިންތިހާބުގައި އަރާނެ ކަމަށް ނުބެލެވޭތީ އެއީ ކޯލިޝަނަށް ކުރީން ނާރާ ވަރުގެ ލޮޅުމެއް އަރައިފާނެ އިންތިހާބެއް ކަމަކަށް ނުބެލެވެ އެވެ. އެހެން ކަމުން މި ކޯލިޝަން އަދިވެސް އިތުރު އަހަރު ތަކަކަށް ދެމިގެން ދިއުމުގެ ފުރުސަތު އެބަ އޮތެވެ.
ކޯލިޝަން ދެމެހެއްޓުމާއި ހިޔާލު ތަފާތުވުން ހުރި، ސިޔާސީ ލީޑަރުންތަކެއް ގޮވައިގެން އުޅުއްވުމަށް ރައީސް ސޯލިހަށް ލިބިވަޑައިގަންނަވަނީ 100 އިން 100 އެވެ.