ޚަބަރު

އެއްލަކިން ލައިސަންސް ދޫކުރުމުގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭ: ޓްރާންސިޝަން ކޮމިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން މިއަހަރުގެ ތެރޭގައި ކުރިއަށްގެންދިޔަ "އެއްލަކިން ލައިސަންސް" ޕްރޮގްރާމުގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށް ޓްރާންސިޝަން ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު އަހްމަދު އާދިލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސިޝަން ކޮމިޓީގެ ފަރާތުން އާދިލް ވިދާޅުވީ އެއްލަކިން ލައިސަންސް ދޫކުރުމުގެ ކަންތައް ހިނގާފައިވަނީ އެންމެ ރަނގަޅަށް ނޫންކަން ފާހަގަކޮށްލެވުނު ކަމަށެވެ.

"އެއްލަކިން ލައިސަންސް ދޫކުރުމުގައި ވެސް ވަރަށް ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަކޮށްލެވޭ. އަދި އެކަން ހިނގާފައިވަނީ އެންމެ ރަނގަޅަށް ނޫންކަން އަޅުގަނޑުމެން މިކުރި ޒިޔާރަތުން ފާހަގަވި. އަޅުގަނޑުމެން މި ޒިޔާރަތްކުރީ އެއްވެސް ހާލެއްގައި ތަހުގީގުކުރުމުގެ ނިޔަތަކު ނޫން،" އޭނާ ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ ފުވައްމުލަކުގައި ލައިސަންސް ދޫކުރުމުގެ ކަންތައް ކުރިއަށްގެންދިޔައީ ސިޔާސީ ބޭފުޅުން އައްޔަންކުރި ބަޔަކު ކަމަށާއި މާލޭގެ ބައެއް މީހުންނަށް ވެސް ޓެސްޓަކާ ނުލައި ލައިސަންސް ދޫކޮށްފައިވާ ކަމަށެވެ.

"ފުވައްމުލަކުގައި ލައިސަންސް ދޫކުރި، ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން ސިޔާސީ ބޭފުޅުން އެތަނަށް ބޭފުޅުންކޮޅެއް ލައްވައިގެން މާލޭގެ ބައެއް ބޭފުޅުންނަށް ވެސް ލައިސަންސް ދޫކޮށްފައި އެބަހުރި. އެބޭފުޅުން އެއްވެސް ގޮތަކަށް ޓެސްޓް ނަހަދައި. ޓްރާންސްޕޯޓް އޮތޯރިޓީގެ އޮޑިޓަކުން އެކަން ފާހަގަވެފައިވާ ކަން މައުލޫމާތަށްޓަކައި ދަންނަވާލަން. އޭގެ ތެރޭގައި ސަލާމަތީ ސެޓްފިކެޓް ދޫކުރުމާއި ލައިސަންސް ދޫކުރުމާއި އެކަހަލަ ނާޖާއިޒް ކަންތައްތަކެއް އެބަހުރި ހިނގާފައި،" އޭނާ ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ޓްރާންސްޕޯޓް އޮތޯރިޓީއާ އަޅާލާފައިނުވާ ކަމަށާއި ޓްރާންސްޕޯޓް އޮތޯރިޓީ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާކަން ފާހަގަކޮށްލެވޭ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ޓްރާންސްޕޯޓަކީ އާންމު ރައްޔިތުންނާ ވަރަށް ގުޅުން ބޮޑު ދާއިރާއެއް. އެހެންނަމަވެސް ހިދުމަތުގެ ދާއިރާއާއި އުފުލަންޖެހޭ ތަކުލީފު ރައްޔިތުން އަބަދުވެސް އެ ޝަކުވާ ކުރަމުންދޭ. އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި އެއްވެސް ކަހަލަ ޓްރާސްޕޯޓާ ގުޅުން ހުރި އެއްވެސް ކަހަލަ ޕްރޮޖެކްޓެއް ހިންގަވާފައެއް ނެތް،" އޭނާ ވިދާޅުވިއެވެ.

އާދިލް އިތުރަށް ވިދާޅުވީ ހަތަރު ފުރޮޅުލީ އުޅަނދެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްދެނީ ގަރާޖެއް ދެއްކުމަށްފަހު ކަމަށާއި ނަމަވެސް ގަރާޖު އުސޫލު ވެސް ވަރަށް ދޯދިޔާވެފައިވާ ކަމަށެވެ. އަދި މިހާރު ޑޮމެއިން ދޫކުރުމުގެ ކަންތައް ވެސް އޮންނަނީ ޓްރާންސްޕޯޓް އޮތޯރިޓީން ބޭނުންވާ މީހަކަށް ޑޮމެއިން ދެވޭ ގޮތަށް ކަމަށް ވެސް އާދިލް ވިދާޅުވިއެވެ.

"ޑޮމެއިން ވިއްކުން މީގެ ކުރިން މި އޮންނަނީ ބިޑިން އުސޫލުން އެކަން ކުރުމަށް. އެހެންނަމަވެސް ސިޔާސީ ނުފޫޒު ވަނުމުން ޓްރާންސްޕޯޓް އޮތޯރިޓީން ބޭނުންވާ މީހަކަށް ޑޮމެއިން ވިއްކާލުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ ލިބޭ. އެއް ލައްކަ ރުފިޔާއަށް ޑޮމެއިން ހޯދުމަށް ތިނެއް ނުވަތަ ހަތަރު ބޭފުޅަކު އެ ޑޮމެއިންއެއް ހޯއްދަވަން ހުށަހަޅުއްވައިފި ނަމަ، ޓްރާންސްޕޯޓް އޮތޯރިޓީއަށް ބާރު އޮވޭ އެބޭފުޅުން ބޭނުން ބޭފުޅަކަށް ޑޮމެއިން ދިނުމުގެ،" އޭނާ ވިދާޅުވިއެވެ.