ސްރީލަންކާގެ އިންތިހާބީ ރައީސް، ގޯޓަބަޔާ ރާޖަޕަކްސާ އަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާއާ ރާއްޖެއާ ދެމެދު މިހާރުވެސް ވަރަށް ގާތް ގުޅުމެއް އެބަ އޮތް ކަމަށާއި އެ ގުޅުން އިތުރަށް ބަދަހިކުރުމަށް، ރައީސް ގޯޓަބަޔާ ރާޖަޕަކްސާގެ ސަރުކާރާ އެކު ކުރިޔަށް ވަޑައިގަތުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައީސް ސޯލިހު ލަންކާގެ އިންތިހާބީ ރައީސަށް މަރުހަބާ ވިދާޅުވި އިރު، ގޯޓަބަޔާގެ ޓީމުން ވެސް ވަނީ އިންތިހާބު ކާމިޔާވެއްޖެ ކަމަށް އިއުލާނުކޮށްފަ އެވެ. އަދި އެންމެ ގާތުން ވާދަކުރެއްވި މިހާރު ހައުސިން މިނިސްޓަރު، ސަޖިތު ޕްރަމަދާސާ ވަނީ ބަލި ގަބޫލުކުރައްވައި، ގޯޓަބަޔާ ރާޖަޕަކްސާއަށް މަރުހަބާ ވިދާޅުވެފަ އެވެ.
ލަންކާ ސަރުކާރާ ދެކޮޅަށް އެތައް އަހަރެން ވާންދެން ހަނގުރާމަ ކުރި، ތަމަޅަ ޓައިގަރުން ބަލިކޮށް އެމީހުންގެ އަތްދަށުން ލަންކާ މިނިވަން ކުރި އިރު، ގޯޓަބަޔާ ހުންނެވީ ލަންކާގެ ޑިފެންސް ސެކްރެޓަރީގެ މަގާމުގަ އެވެ. އުމުރުފުޅުން މިހާރު 70 އަހަރު ފުރިފައިވާ ގޯޓަބަޔާ ރާޖަޕަކްސާ ވަނީ ލަންކާގެ ޑިފެންސް ސެކްރެޓަރީގެ މަގާމު 10 އަހަރު ވަންދެން ފުރުއްވާފަ އެވެ. އެމަނިކުފާނަކީ ލަންކާގެ ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސާގެ އެއްބަނޑުއެއްބަވާ ނުވަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެމަނިކުފާނުގެ އެއް ކޮއްކޯފުޅެވެ.
ލަންކާއަށް ދާދި ފަހުން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން، ސަރުކާރަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން، މިހާރު ރައީސް މަތިރިޕާލަ ސިރިސޭނާ ނިންމެވީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށެވެ. 269 މީހުން މަރުވި އެ ހާދިސާގައި، ސަރުކާރަށް އެންމެ ޕްރެޝަރު ބޮޑުވީ، އެ ހަމަލާގެ މައުލޫމާތު ތަކުރާރުކޮށް އިންޓެލިޖެންސަށް ލިބިފައި އޮވެމެ، އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ އެވެ. މި އިންތިހާބުގައި ޖުމުލަ 35 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.
މި އިންތިހާބުގެ ދާއިމީ ނަތީޖާ މިއަދު ހަވީރު އިއުލާނުކުރަން ނިންމާފައިވާ އިރު، 53 ނުވަތަ 54 ޕަސެންޓުގެ ނަތީޖާއެއް ގޯޓަބަޔާ ހޯދާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މީޑިއާގައި ވަނީ ވިދާޅުވެފަ އެވެ.