ޚަބަރު

ޖަލުގެ ހާލަތު ރަނގަޅު ކުރެވޭނީ ގައިދީންނާއި ބައްދަލުވާ އޮފިސަރުންގެ ވިސްނުން ބަދަލުކޮށްގެން: އިމްރާން

މަރިޔަމް ޝަހުދާ

ޖަލުތަކުގެ ހާލަތު ރަނގަޅު ކުރެވޭނީ ކޮންމެ ދުވަހަކު ގައިދީންނާއި ބައްދަލުވާ އޮފިސަރުންގެ ވިސްނުން ބަދަލުކޮށްގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސގެ 23 ވަނަ އަސާސީ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކަރެކްޝަނަލްގެ އޮފިސަރުންނަށް ދެވޭ ހުނަރާއި ތަމްރީނު ތަކަކީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

އެގޮތުން އޮފިސަރުންނަކީ އެމީހުންނަށް ބޭނުންވާ ފުރިހަމަ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެދިއްޖެނަމަ، އެމީހުންގެ ވިސްނުން ކުރިއަރައި ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންގެ ކަންކަން ބެލުމުގައި އެމީހުންގެ ކިބައިން ބަދަލުތަކެއް ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ އޮފިސަރުންގެ މަސައްކަތުގައި ކޮންމެ ދުވަހަކު ވެސް އެކި ގޮންޖެހުން ދިމާވާނެ ކަމަށެވެ. ނަމަވެސް ކިތަންމެ ގޮންޖެހުމަކާއި ކުރިމަތިވީ ނަމަވެސް ހިތްވަރާއި ކެރުންތެރިކަމާއެކު ނިކުމެ، ސާބިތު ކަންމަތީ މަސައްކަތް ކުރުމަކީ ކޮންމެ އޮފިސަރެއްގެ ގައުމީ، ދީނީ އަދި މުއައްސަސާގެ ވާޖިބެއް ކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ގައިދީއަކީ އެ މީހެއްގެ ފަހަތުގައި އާއިލާއެއް އޮންނަ، އެމީހަކު އަޅާލާނެ ބައެއް އޮންނާނެ ބައެއްކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

ރޭގެ ޖަލްސާގައި 59 އޮފިސަރަކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އަސާސީ ތަމްރީނު ޕްރޮގްރާމް ނިންމާ ހުވާކުރިއެވެ. ހުވާކުރި އޮފިސަރުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު އޮފިސަރަކަށް ހޮވުނު ހުސެއިން ސަބާހަށް ސެޓްފިކެޓާއި ޝިލްޑު އަދި ބެރޭ ހަވާލުކޮށްދެއްވީ މިނިސްޓަރު އިމްރާނެވެ.