ޚަބަރު

އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލައިގެ ތަހުގީގަށް ޑރ. ޝަހީމް ދެއްވީ ތެދު މައުލޫމާތެއްނޫން: ކޮމިޝަން

އިބްރާހިމް ޒަކީ

ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގަށް، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް މިހާރު ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވީ ތެދު މައުލޫމާތު ނޫން ކަމަށް އެ މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، ޑރ. އަފްރާޝީމު އަލީގެ މަރުގެ މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ނެރުނު ރިޕޯޓުގެ ހުލާސާއެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރިޕޯޓްގައިވާ މައުލޫމާތު ބަޔާންކުރާ ގޮތުގައި، އަފްރާޝީމް ރުޖޫއަވެ މީޑިއާ ގައި އިއުލާން ކޮށްފި ނަމަ އެ މެސެޖު ފޮނުވި ބަޔަކު އަފްރާޝީމް ދެކެ ލޯބިވާނެ ކަމަށް ބުނާ ޓެކްސް މެސެޖެއް، އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކުރިން ޑރ.ޝާހީމް އަށް ލިބިފައިވާ ކަމަށެވެ.

ނަމަވެސް ޑރ. ޝަހީމަށް އެ މެސެޖު ފޮނުވި ފަރާތް ކޮމިޝަނަށް ސާފުކޮށްދީފައި ނުވާ ކަމަށާއި ޑރ. ޝަހީމް ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތު ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކުރީގައި ޝާހީމުއަށް ލިބިފައިވާ ޓެކްސް މެސެއްޖެއްގައި ބުނަނީ އަފްރާޝީމް ރުޖޫއަވެ މީޑިއާ ގައި އިއުލާން ކޮށްފި ނަމަ އެ މެސެޖު ފޮނުވި ބަޔަކު އަފްރާޝީމް ދެކެ ލޯބިވާނެ ކަމަށް، މި މެސެޖް ޝާހީމަށް ފޮނުވި ފަރާތެއް އެބޭފުޅާ ކޮމިޝަނަށް ސާފުކޮށްދީފައެއް ނުވޭ، އަދި ކޮމިޝަންނުން ބުނާ ގޮތުގައި ޝާހީމު ކޮމިޝަނަށް ދެއްވާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއްނޫން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަފްރާޝީމް އަވަހާރަކޮށްލާފައިވާއިރު، އެ ދުވަހު ޑރ. ޝަހީމްއާ ބައްދަލު ކުރެއްވުމަށް އަފްރާޝީމް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވި ކަމަށް މިއަހަރުގެ ޖުލައި މަހު ލިއުމުން ޝަހީމު ކޮމިޓީއަށް ފޮނުވި މައުލޫމާތުގައި ވިދާޅުވެފައިވާ ކަމަށް ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވެއެވެ.

އޭރު އިސްލާމިކް މިނިސްޓަރަކަށް ހުންނަވަނީ ޑރ. ޝަހީމްއެވެ.

އަދި އެ ދުވަހު ޝަހީމް އާ ބައްދަލު ކުރެއްވުމަށް އަފްރާޝީމް ވަަޑައި ގެންނެވީ ޝަހީމް އެދި ވަޑައިގެންނޫން ކަމަށް ވިދާާޅުވި ނަމަވެސް ދެ ބޭފުޅުންގެ ދެމެދުގައި އެ ދުވަހު އެސްއެމްއިން ބަދަލު ކުރި މެސެޖުތަކަށް ބަލާއިރު، އެރޭ އަފްރާޝީމް އެރުއްވި ޓީވީ ޕްރޮގްރާމާ ބެހޭގޮތުން އެ ދުވަހުގެ 1:00 އަށް ވަޑައި ގަތުމަށް ޝަހީމް ދަންނަވާފައިވާކަމަށް ރިޕޯޓިގައި ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ޑރ. ޝަހީމު ކޮމިޝަނަށް ލިއުމުން ފޮނުވާފައިވާ މައުލޫމާތުގައި 1 އޮކްޓޫބަރު 2012 ވަނަ ދުވަހު ޑރ.އަފްރާޝީމް ޑރ. ޝަހީމާ ބައްދަލު ކުރައްވާން އިސްލާމިކް މިނިސްޓްރީ އަށް ވަޑައި ގެންނެވީ އެއްވެސް ވަރަކަށް ޑރ. ޝަހީމް އެދިވަޑައިގެންނޫން ކަމަށް ވިދާޅުވި ނަމަވެސް ދެފަރާތުގެ ދެމެދުގައި އެދުވަހު އެސްއެމްއެސްއިން ބަދަލު ކުރެވިފައިވާ މެސެޖްތަކަށް ބަލާއިރު 1 އޮކްޓޫބަރު 2012 ވަނަ ދުވަހުގެ މެންދުރު އެކެއް ޖަހާއިރަށް އިސްލާމިކް މިނިސްޓަރީ އަށް ޑރ.އަފްރާޝީމް ވަޑައި ގަތުމަށް ދެންނެވީ މިނިސްޓަރު ޑރ.ޝަހީމް ކަމާއި އަފްރާޝީމް ޓީވީ ޕްރޮގްރާމަށް އެރޭ ސީދާ އެރުމަށް އެދިލެއްވީ އޭނާއަށް އެ ޕްރޮގްރާމަށް އެރޭނެ ކަމުގެ ޔަގީންކަން ކޮން ފަރާތަކުން ދީގެން ކަމެއް އެއްގޮތަކަށްވެސް ނޭނގޭ ކަމަށް ޑރ. ޝަހީމު ވިދާޅުވި ނަމަވެސް ޑރ.އަފްރާޝީމް ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމަަށް އެރުމުގެ ވާހަކަ އޭގެ ކުރިންވެސް އެ ދެބޭފުޅުންގެ މެދުގައި ދެކެވިފައިވާާ ކަމާއި ހޯމަ ވިލޭރޭގެ ޕްރޮގްރާމަށް އެރުމަށް ހުށަހެޅުއްވީ ޑރ.ޝަހީމް ކަމާއި އަދި އެ ޕްރޮގްރާމަށް އަފްރާޝީމް އަރުއްވަން ބޭނުން ފުޅުވީ ކީއްވެގެންކަން ޑރ. ޝަހީމަށް އެނގިވަޑައި ގަންނަވާ ކަމާއި އެއީ ކުރިން އަފްރާޝީމް ދެއްކެވި ވާހަކަ ތަކަކާ ގުޅިގެން މާފަށް އެދުމަށް ނުވަތަ ތައުބާ ވާންކަން އާއްމުކޮށް އިއުލާން ކުރުމަށްކަން ޑރ. ޝަހީމަށް އެނގިވަޑައި ގެންފައި ވާކަމާއި އަދި އެރޭގެ ޕްރޮގްރާމަށް އެރޭގޮތަށް ހަމަ ނުޖެހިއްޖެނަމަ އެ ބޭނުމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ނިއުސް ކޮންފަރެންސެއް ބާއްވައި ދެއްވަން ޝަހީމް ހުށަހަޅުއްވާ ފައިވާކަންވެސް ދެފަރާތުގެ ދެމެދުގައި ބަދަލު ކުރެވިފައިވާ މެސެޖުތަކުން ސާފުވޭ،" ރިޕޯޓާ ހަވާލާ ދެއްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގައެވެ.