ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި ދީނީ ޖިހާދީ ޖަމާއަތް ހިންގަނީ، ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އާއި ތ.އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު ކަމަށް މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، ޑރ. އަފްރާޝީމު އަލީ އަވަހާރަ ކޮށްލި މައްސަލަ ބެލުމަށްފަހު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ނެރުނު ރިޕޯޓުގެ މައުލޫމަތު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް މެންބަރުންނާ ހިއްސާ ކުރައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޮމިޝަނަށް ލިބިފައިވާ ހެތްކާއި ގަރީނާ އަށް ބަލާއިރު އަފްރާޝީމް އަވަހާރަ ކޮށްލާފައި ވަނީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރު ޖަމާއަތުން ރާވާ ހިންގައިގެން ކަމަށެވެ.
އަދި ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރު މި ޖަމާއަތް ހިންގުމުގައި އިސްވެ ތިބެނީ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އާއި ތ.އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު ކަމަށް ވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ހެކިތަކާއި ގަރީނާއަށް ބަލާއިރު އަފްރާޝީމު މަރާލުމުގެ އަމަލީ މަސައްކަތް ހިންގުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައޫފު ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އަދި ހ. ލޮބީ ހުސެއިން ހުމާމު އަހުމަދު ފުލުހުންނާއި ކޯޓަށް ދީފައިވާ ބަޔާނުންނާއި އެ އަމަލު ހިންގިއިރު އުމުރު ހަމަނުވާ ކުއްޖަކު ކޮމިޝަނަށް ދީފައިވާ ބަޔާން ތަކުންނާއި މި މައްސަލައިގައި އެހެނިހެން ހެކިން ދީފގަިއވާ ބަޔާންތަކުން އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ރޭވުން ތަންފީޒު ކުރުމުގައި އަޒްލިފްގެ ރޭވުމާއި އެއްގޮތަށް އަފްރާޝާީމް އަވަހާރަ ކޮށްލުމުގައި ހ. ލޮބީ ހުސައިން ހުމާމް އަހުމަދާއި ހ.ހިކޯސްޓް އަލީ ޝާން އަދި ކުޑަ ކުއްޖާ ހިމެނޭ ކަމަށް ވެސް ބުނެފައިވެއެވެ.
ޑރ.އަފްރާޝީމް އަވަހާރަ ކޮށްލި ސަބަބެއް ކަމަށް ރިޕޯޓްގައި ހިމަނާފަވާ މައުލޫމާތުތަކަށް ހަވާލާ ދެއްވައި ރައީސް ނަޝީދު ވިދާޅުވީ އުފެދުނު ދީނީ ހިޔާލު ތަފާތުވުން ތަކެއްގެ ސަބަބުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތައް ރާއްޖޭގައި ނުހުއްޓުވިއްޖެނަމަ ރާއްޖެ ހަރާބުގެ މަގަށް ހިނގައިދާނެ ކަމަށެވެ.
އަދި ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތައް އަވަހަށް ތަހުގީގުކޮށް ހުއްޓުވަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮމިޝަން ރިޕޯޓްގެ މައްޗަށް، ފުލުހުންނާއި ޕްރޮސެކިއުޓަ ޖެނެރަލް އަދި ދައުލަތުގެ ކަމާބެހޭ ހުރިހާ ފަރާތްތަކުން އަމަލު ކުރުމަށް އަވަސްވެ ގަތުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ.