ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ހުރިހާ ޕާޓީއެއްގެ ވަޒީރުން ވެސް މަސައްކަތްކޮށްފައިވަނީ ރައީސްގެ ލީޑާޝިޕްގައި ޕާޓީ ލައިނެއް ނެތި: އަލީ ވަހީދު

މަޖިލިސް އިންތިހާބުގައި ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ކޮންމެވެސް ވަރަށް ދެކަފިކޮށްދިޔަ ނަމަވެސް، ވަޒީރުންގެ މަޖިލީހުގައި ހުރިހާ ޕާޓީއެއްގެ ވަޒީރުން ވެސް މަސައްކަތްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ލީޑާޝިޕްގައި ޕާޓީ ލައިނެއް ނެތި ކަމަށް ޖޭޕީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އެމްއާރުއެމް ވެސް ފެންނަނީ ވަރަށް އެކުވެރިކޮށް ކަމަށާއި ކޮންމެ ޕާޓީއެއްގައި ވެސް އެކި ހިޔާލުގެ މީހުން ތިބޭނެ ކަމަށެވެ. ހުރިހާ ކަމަކަށް އެންމެން އެކައްޗެއް ކިޔަންވެއްޖެއްޔާ ކުރީ ސަރުކާރަށްވީހެން އޮންނާނީ އަނެއްކާވެސް ގޯސްވެފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ނިސްބަތްވާ ޖުމްހޫރީ ޕާޓީއާ ކޮންމެވެސް ވަރަކަށް މަޖިލިސް އިންތިހާބުގައި މިދިޔައީ ދެކަފިކޮށް. އެހެންނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ވަޒީރުންގެ މަޖިލީހުގައި ހުރިހާ ޕާޓީއެއްގެ ވަޒީރުން މަސައްކަތްކޮށްފައިވަނީ ރައީސްގެ ލީޑާޝިޕްގައި ޕާޓީ ލައިނެއް ނެތި. ވަޒީރުންގެ މަޖިލީހުގެ މަޝްވަރާތަކުގައި ކޮންމެ ވަޒީރަކު ވެސް މަސައްކަތް ކުރައްވާފައިވަނީ ގައުމީ މަސްލަހަތުގައި، ވަން ގަވަމަންޓެއްގެ ގޮތުގައި. އަޅުގަނޑު ދެކޭގޮތުގައި ހެލްދީ ކޯލިޝަނެއް އެބައޮތް،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ރައީސް ސޯލިހަކީ އެންމެންނާ އެއްކޮށް ވަގުތުތައް ހިއްސާކުރައްވާ ރައީސެއް ކަމަށާއި ރައްޔިތުން ބޭނުންވި ސަރުކާރެއްގެ ގޮތުގައި މި ސަރުކާރު ފެނިގެންދާނެ ކަމަށެވެ. ތަޖުރިބާއަށް ބަލާ ނަމަ، ކުރިން 21 ދުވަހުގެ ތެރޭގައި ކޯލިޝަން ރޫޅިގެންދިޔަ ނަމަވެސް މި ސަރުކާރުން އެއް އަހަރު ފާހަގަކުރަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އެކުވެރިކަމާއެކު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރައީސް ފެންނަނީ ހުރިހާ އެންމެންނަށް ވަގުތު ދެއްވައި، އެންމެންނާ އެއްކޮށް އެ ވަގުތުތައް ޝެއާކުރައްވައިގެން ޑެޑިކޭޓަޑް ރައީސެއްގެ ގޮތުގައި. މިދިޔަ އަނިޔާވެރި ސަރުކާރުގައި ފެނުނީ ރައީސުލްޖުމްހޫރިއްޔާއަކީ ބޮޑު ނުރައްކާތެރި މީހެއްގެ ގޮތުގައި، މާބޮޑަށް މީހުން ބިރުގަންނަ މީހެއްގެ ގޮތުގައި، މާބޮޑަށް އާރާއި ބާރުގަދަ މީހެއްގެ ގޮތުގައި ދައްކަން އުޅުނު މަންޒަރު. ރައީސުލްޖުމްހޫރިއްޔާ ކުރިން ވަޑައިގަންނަވާ އިރު، ފެންނަނީ ފުރަތަމަ ބަޑި. އެއަށްފަހު ދެން ފެންނަނީ ރައީސް. މިހާރު އެހެނެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ މިއީ މަތިން ތިރިއަށް އައި ވެރިކަމެއް ނޫން ކަމަށާއި މިއީ ތިރިން މައްޗަށް އައި ވެރިކަމެއް ކަމަށެވެ. އަދި މިއީ އާންމު ރައްޔިތުންގެ ތެރެއިން އައިސް އޮތް ވެރިކަމެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.