ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ޓޫރިޒަމް މިނިސްޓްރީން ވައްކަން ކުރެއޭ ބުނާ އަޑު ނީވި އެއް އަހަރު ހާސިލުކުރެވުނު: އަލީ ވަހީދު

1

މިހާރު ޓޫރިޒަމް މިނިސްޓްރީން ވައްކަން ކުރެއޭ ބުނާ އަޑު ނީވި އެއް އަހަރު ހާސިލުކުރެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުވެރިކަމުގެ ދާއިރާ ނުވަތަ ޓޫރިޒަމް މިނިސްޓްރީއާ ގުޅުންހުރި ކުންފުނިތަކަކީ ރާއްޖޭގައި އެންމެ ބޮޑަށް ވައްކަން ކުރި ކަމަށް ތުހުމަތުތައް ކުރެވެމުންދިޔަ ވުޒާރާތައް ކަމަށެވެ.

"އެއް އަހަރުވީ އިރު، މިއަދު އުފަލާއެކު ފާހަގަކޮށްލަން ޖެހެނީ ޓުވިޓާ ވަގު އެކައުންޓަކުން ވެސް މިހާރު ޓޫރިޒަމް މިނިސްޓްރީން ވައްކަން ކުރެއޭ ބުނާ އަޑު ނީވި އެއް އަހަރު ހާސިލުކުރެވުނު. އަޅުގަނޑު ދެކޭގޮތުގައި އެއީ ކާމިޔާބެއް. ރައްޔިތުންގެ އެންމެ ބޮޑަށް ބޭނުންވީ ރައްޔިތުންގެ ބައިތުލްމާލު ސަލާމަތްކުރަން. އެހެންވީމާ އެކަން މިއޮތީ ފުރަތަމަ އަހަރުގެ ތެރޭގައި ކަށަވަރުކޮށް ޔަގީންކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މި ސަރުކާރަކީ ދިވެހިރާއްޖެއަށް މި ފަހަކަށް އައިސް އައި އެންމެ ބޮޑު ގިލަންވެރިކަމާއި އަނިޔާވެރިކަމުގެ ތެރެއިން އުފެދިގެން އައި ސަރުކާރެއް ކަމަށާއި ސަރުކާރަށް މާދަމާ އެއް އަހަރު ވެގެންދާ އިރު، ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބަކީ ސުލްހަ މަސަލަސްކަމާއި ދިވެހިރާއްޖެއަށް އައި ހަމަޖެހުން ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންގެ މިނިވަންކަމާއި އިންސާނީ ހައްގުތައް މިއިން ޒަމާނަކު ނުދާ ވަރަކަށް ވެއްޔާ މޮޑެވިފައި، ދިވެހިރާއްޖޭގެ ބައިތުލްމާލުތައް ލޫޓުވެފައި އޮތް ހާލަތެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޯލިޝަން ވެރިކަމެއް ރާއްޖެއަށް ގާއިމުކޮށްދެއްވީ،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ ސަރުކާރާ ހިޔާލުތަފާތު ފަރާތްތަކަށް ރޭގައި ވެސް މިނިވަންކަމާއެކު ހިޔާލުފާޅު ކުރެވުނު ކަމަށާއި މިހާރު ސިޔާސީ އެއްވެސް ހައްޔަރީއެއް ރާއްޖޭގެ ޖަލުތަކުގެ ތޭރިތަކުގެ ތެރެއަކު ނެތް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟