ޚަބަރު

އައިއޭސީގެ "މަސްދަޅު ހަދިޔާ" ކެމްޕޭނުގައި ގައުމީ ފުޓުބޯޅަ ޓީމު ބައިވެރިވެއްޖެ

އިންސާނީ އެހީގެ ހަރަކާތް "އިންޓަނޭޝޭނަލް އެއިޑް ކެމްޕޭން (އައިއޭސީ)"ގެ ފަރާތުން "މަސްދަޅު ހަދިޔާ" ގެ ނަމުގައި ކުރިއަށްގެންދާ ކެމްޕޭނުގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ބައިވެރިވެއްޖެއެވެ.

އެ ކެމްޕޭނުގައި ބައިވެރިވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ޖަމިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ އިންސާނީ އެހީގެ ހަރަކާތް، އައިއޭސީއަށް މަސްދަޅު ކޭހެއް ހަދިޔާކޮށްފައެވެ.

ގައުމީ ޓީމުގެ ފަރާތުން އައިއޭޝީއާ އެ މަސްދަޅު ކޭސް ހަދިޔާކުރީ ކެޕްޓަން އަކްރަމް އަބްދުލްޤަނީ އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގާއި އަލީ ފާސިރު (ސެންޓޭ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

އައިއޭސީ އިން ބުނީ މި ކެމްޕޭނަކީ ވޭތުވެދިޔަ އަށް އަހަރުވެސް ފިނިމޫސުމުގައި ވަރަށް ދަތި ހާލަތެއް ތަހައްމަލު ކޮށްފައިވާ ސީރިއާގެ ރައްޔިތުންނަށް، ދިވެހިންގެ ނަމުގައި ރާއްޖޭގެ ހާއްސަ އުފެއްދުމެއް ކަމުގައިވާ މަސްދަޅުގެ އެހީ ފޮނުވުމަށްޓަކައި ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށެވެ.

އައިއޭސީގެ ޗެއާމަން އަހުމަދު އިގުބާލް ވިދާޅުވީ "މަސްދަޅު ހަދިޔާ" ގެ ނަމުގައި ކެމްޕޭނެއް ލޯންޗުކުރަން ނިންމީ ދިވެހިންގެ ނަމުގައި ދިވެހި އުފެއްދުމެއް ފޮނުވުމަށާއި ސީރިއާއަށް އެހީ ދިނުމުގައި ހަރަކާތްތެރިވާ ބޮޑު އެއް ޖަމިއްޔާ ކަމުގައިވާ ތުރުކީގެ ހިއުމަން ރިލީފް ފައުންޑޭޝަން (އައިއެޗްއެޗް) ގެ އެހީގެ ސާމާނު ހުރި ގުދަންތައް ހުސްކޮށް ހުރުމުން ކާބޯތަކެތީގެ އެހީ ދިނުން މުހިންމު ކަމަށް ދެކޭތީ ކަމަށެވެ.

އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑައިރެކްޓަރު މުހައްމަދު އަލީ ވިދާޅުވީ ގާތްގަނޑަކަށް ދިވެހި ރާއްޖޭގެ އާބާދީގެ 17 ގުނަ އިތުރު އަދަދެއް ކަމަށްވާ އަށް މިލިއަން ސިރިއާ ރައްޔިތުންގެ ގެދޮރު ފަނާކޮށްލާފައިވާ ކަމަށާއި މީގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަރަށް ބިކަ ހާލުގައި ދިރިއުޅެމުންދާ ކަމަށެވެ.

އައިއޭސީގެ ފަރާތުން ވަނީ މި ކެމްޕޭނުގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ ހުރިހާ މުއައްސަސާތަކަށާއި، ކައުންސިލުތަކާއި ޖަމިއްޔާތަކަށް ގޮވާލައިފައެވެ. އަދި ދިވެހި ރާއްޖޭގެ ކޮންމެ ގެއަކުން މަސްދަޅު ކޭހެއް ސީރިއާގެ ރައްޔިތުންނަށް ހަދިޔާކުރެއްވުމަށްވެސް އައިއޭސީ އިން ވަނީ އެދިފައެވެ.

މި ކެމްޕޭނުގައި ބައިވެރިވުމަށް އައިއޭސީގެ މި ކެމްޕޭނުގެ ހާއްސަ އެކައުންޓް ކަމުގައިވާ ބީއެމްއެލްގެ އިސްލާމިކް އެކައުންޓް 7770000026263 އަށް މަސްދަޅުގެ އަގު ފޮނުވުމުން ބައިވެރިވެވޭނެ ކަމަށް އައިއޭސީގެ އޮފިޝަލުން ވިދާޅުވެއެވެ.

އެއް ކޭސް މަސްދަޅުގެ އަގަކީ 725 ރުފިޔާއެވެ. ބައިކޭސް ނުވަތަ ކޭހެއްގެ ހަތަރު ބައިކުޅަ އެއްބަޔަށްވާ ފައިސާ ޖަމާކޮށްގެންވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް އައިއޭސީ އިން މައުލޫމާތުދެއެވެ.

އައިއޭސީގެ ވައިސް ޗެއާމަން އަދި މީޑިއާ ކޯޑިނޭޓަރު އާދަމް ނާއިފް ވިދާޅުވީ "މި ކޭސްތައް ކެމްޕޭން ނިމުމުން ކޮންޓެއިނާ ތަކެއްގައި ތުރުކީ އަށް ކަނޑު މަގުން ފޮނުވިގެންދާނެ. އަދި އަޅުގަނޑުމެންގެ ތުރުކީ ގެ ޕާޓްނަރު އެންޖީއޯ މެދުވެރިކޮށް މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ" ކަމަށެވެ.

މަސްދަޅު ހަދިޔާގައި ހާއްސަ ލޭބަލެއް ދިވެހި ބަހުން ލިޔެ ތައްޔާރުކޮށްފައިވާއިރު، ލޭބަލްގައި ވިއްކުން މަނާ އެއްޗެއްކަން އެނގޭނެ ގޮތަށް "ނޮޓް ފޯ ސޭލް" ޓެގް ޖަހާފައިވާނެ ކަމަށް ވެސް އައިއޭސީ އިން ބުންޏެވެ.