މަނީ ލޯންޑަރިންގެ މައްސަލައިގައި، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ މަޖިލިސް މިއަދު 1:30 ގައި އޮންނާނެ އެވެ.
ރައީސް ޔާމީންގެ މައްސަލަ މިއަދަށް އެޖެންޑާކޮށްފައިވާއިރު، އެމަނިކުފާނުގެ ވަކީލުންގެ ކަންބޮޑުވުންތަކާ ގުޅިގެން، އެ މައްސަލަ ބެލުމަށް ގާޒީންގެ ބެންޗެއް ކުރިމިނަލް ކޯޓުން ވަނީ އެކުލަވާލައިފަ އެވެ.
މި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން އެކުލަވާލާފައި ވަނީ ފަސް ގާޒީންގެ މައްޗަށް އެކުލެވޭ ބެންޗެކެވެ.
ކްރިމިނަލް ކޯޓާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު މިދިޔަ އަންގާރަ ދުވަހު ނެރުއްވި ގަރާރެއްގައި ވިދާޅުވެފައިވަނި މި ނިންމުމަކީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ގޮތުގެމަތިން ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ އެއް ގާޒީޔަކު ބެލުމުގެ ބަދަލުގައި، ގާޒީންގެ ބެންޗަކުން ބަލައިދިނުމަށް މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އެދިފައިވާ ކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ. އަދި މިހާރުވެސް އެކަން އެގޮތަށް ހަމަޖައްސައި ދިނުމަށް އެދޭ ކަމަށް ގާޒީ އަލީ ރަޝީދު ނެރުއްވި ގަރާރުގައި ވިދާޅުވެފައިވެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުންތައް ނިމި، ހުކުމް ކުރުމުގެ މަޖިލިސް މިމަހުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމި ނަމަވެސް އެންމެ ފަހު ވަގުތު، ހުކުމް ކުރުމަށް ބާއްވަން އޮތް ޝަރީއަތުގެ މަޖިލިސް ވަނީ ކެންސަލްކޮށްފަ އެވެ.
އެ މަޖިލިސް ކެންސަލް ކުރީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަލަމުން އަންނަ ސުލޫކީ މައްސަލައަކާ ގުޅިގެން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް 60 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ.
ހައިލަމްގެ ސްލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމީ، ނަސްރުގެ ދުވަހުގެ މުނާސަބާގައި އޭނާ ވައިބަރު ގުރޫޕަކަށް ފޮނުއްވި ކުރެހުމަކާ ގުޅިގެންނެވެ.
ހައިލަމް ފޮނުއްވި އެ ކުރެހުމުން ފެންނަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައިގެން ދަމާފައި ކަހަލަ ގޮތަކަށް ގެންދާ މަންޒަރެވެ. އެ ފޮޓޯގައި ކަރުގައި ޗޭނު ޖަހާފައި ދެން ތިބި މީހުންގެ ތެރޭގައި، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިނަ ވަނަ ދުވަހު ކުލީ ސިފައިން ގޮވައިގެން ދިވެހިރާއްޖެ އަޅުވެތިކުރަން ރާއްޖެއަށް އެރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރު ހިމެނެ އެވެ. އެ ޗޭނު ހިފައިގެން ކުރިޔަށް ހިނގާފައި ދަނީ ނޮވެމްބަރު ތިނެއްގައި ސިފައިންގޭގެ ދޮރާށި ބަލަހައްޓަން ހުރެ، ދުޝްމަނުންނާ ހަނގުރާމަކޮށް ޝަހީދުވި، ޝަހީދު ހުސެއިން އާދަމް އެވެ.
އެ ކުރެހުން ވައިބަރު ގުރޫޕަށް ފޮނުއްވި އިރު އޭގައިވާ މަންޒަރަށް ބައްލަވާލެއްވިފައި ނުވާ ކަމަށާއި އެކަން އެނގިވަޑައިގެންނެވީ ފަހުން ކަމަށް ވިދާޅުވެ، ގާޒީ ހައިލަމް ވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި އެހެން ބޭފުޅުންނާއި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ.