އިބްރާހިމް ޒަކީ
ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ނެރުނު ރިޕޯޓަށް ބައެއް ފަރާތްތަކުން ފާޑު ކިޔަމުންދާތީ، ކޮމިޓީން ނެރުނު ފުލް ރިޕޯޓް ކިއުއްވިންތޯ، ވިދާޅުވެ މަރު ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ބައެއް ފަރާތްތަކާ ސުވާލު ކުރައްވައިފިއެވެ.
ސުއޫދަށް ކުރެއްވި އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ އެ މައްސަލައިގައި ސޯޝަލް މީޑިއާގައި ސުއޫދަށް އެެންމެ ބޮޑަށް ފާޑު ވިދާޅުވީ، މަޝްހޫރު ކޮލަމިސްޓް މުހައްމަދު ބުޝްރީއެވެ.
ސުއޫދު އެ ސުވާލު އަމާޒު ކުރައްވާފައިވަނީވެސް ބުޝްރީއަށެވެ.
ބުޝްރީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ.އަފްރާޝީމްގެ ގަތުލަކީ އެހާ ފަސޭހައިން އޮއްބާލެވޭވަރަށްވުރެ ބޮޑު ގައުމީ ޖަރީމާއެއް ކަމަށެވެ.
އަދި އިރާދަ ކުރެއްވިއްޔާ އެ މަރުގެ ހަގީގަތް ހާމަ ވާނެ ކަމަށްވެސް ވިދާޅުވެފަ އިވެއެވެ.
ބުޝްރީ ވިދާޅުވެފައިވަނީ ބަންގްލަދޭޝްގައި މަރުވި ރާއްޖޭގެ މަޝްހޫރު މޮޑެލް ރައުދާ އާތިފްގެ މަރާ ބެހޭގޮތުން ކޮމިޝަނުން ނެރެފައިވާ ރިޕޯޓަށްވެސް ޝައްކު ކުރާ ކަމަށެވެ. އަދި "ތިކަން ހުއްޓާލާފައި ގެއަށްދޭ" ބުޝްރީ ސުއޫދަށް ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އިބްރާހިމް މުހައްމަދު ދީދީ ވެސް ވަނީ އެ ރިޕޯޓްގައި ޑރ. އަފްރާޝީމް އަވަހާރަ ކޮށްލި ކަމަށް ބުނެފައިވާ މީހުންނާ ދޭތެރޭ ޝައްކު އުފައްދައި ފާޑު ވިދާޅުވެފައެވެ.
އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ، ދީނީ ހައްދު ފަހަނައަޅާ ދިއުން ރާއްޖޭގައި އެބައޮތް ކަމަށާއި ނަމަވެސް ޑރ.އަފްރާޝީމް އަވަހާރަ ކޮށްލީ ދީނަށް ލޯބިކުރާ ބައެއްގެ ރޭވުމަކުންނޭ ބުނަން ބުއްދި ގަބޫލު ނުކުރާ ކަމަށެވެ. ސަބަބަކީ އެ މަނިކުފާނުގެ އެންމެ ފަހު ސްޕީޗުތަކުގައިވެސް އަޑު އުފުއްލެވީ، ކްރިސްޓިއަން އަދި ޔަހޫދީންނާއި ދެކޮޅަށް ކަމަށް ވެސް ވިދާޅުވިއެވެ.
ދެހާސް ބާރަވަނަ އަހަރު އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލާފައި އޮއްވައި ފެނުނު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ މައްސަލަ، އާއި، ބަންގްލަދޭޝްގައި މަރުވި ދިވެހިރާއްޖޭގެ މަޝްހޫރު މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލަ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލައި ނިންމި ގޮތުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުވާފައި ވަނީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.
އަދި މިދިޔަ ބުރާސްފަތި ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ރިޕޯޓް ވަނީ ކަމާބެހޭ މުއައްސަސާތަކަށް ފޮނުއްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލައިގެ ތަފްސީލީ ރިޕޯޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށާއި ފުލުހުންގެ އިދާރާ އާއި ކައުންޓަ ޓެރަރިޒަމް ޔުނިޓް އަދި ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.
އެ ދެ ރިޕޯޓްގެ ތެރެއިިން ރައުދާ ގެ މަރާ ގުޅޭ ރިޕޯޓްގައި އޭނާ މަރުވީ އަމިއްލައަށް ކަމަށް ހިމަނާފައިވާކަމަށާއި، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހަމަލާ ރޭވީ އަޒްލިފް ރައޫފް ކަމަށާއި އޭނާއާ އެކަން ހަވާލުކުރީ ދީނީ ގޮތުން އަފްރާޝީމާ ހިޔާލު ތަފާތުވާ ބަޔަކުކަން، ކޮމިޝަންގެ ތަހުގީގުން ހާމަވެފައިވާކަމަށް ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
އެމައްސަލައިގައި ޑރ. އަފުރާޝީމް އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓު ބަލައި ނުގަންނަ ކަމަށް އަފްރާޝީމުގެ އާއިލާއިން ވަނީ ބުނެފައެވެ.
އެ ރިޕޯޓާ ގުޅިގެން އަފްރާޝީމުގެ އެއްބަނޑު އެއްބަފާ ބޭބެ އަބްދުއްނާސިރު އަލީ "ވަން" އަށް ވިދާޅުވީ، މަރުގެ ކޮމިޝަނަކުން އަފްރާޝީމުގެ މަރު ތަހުގީގު ކުރުމަކީ ބޭކާރު ކަމެއް ކަމަށާއި އެ ރިޕޯޓު ބަލާކަށް ވެސް ބޭނުމެއް ނޫން ކަމަށެވެ. އަދި އެ މަރަށް މި ދުނިޔެ މަތީގައި ކުރެވިދާނެ ކަމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، މަރު ކޮމިޝަނަކީ ގާނޫނީ ގޮތުން މިނިވަން ކޮމިޝަނެއް ނަމަވެސް، އެ ކޮމިޝަނަށް ބަޔަކު އަތްބާނާ ނުފޫޒުތަކެއް ހުރުމެވެ. އެހެންކަމުން އެ ކޮމިޝަނަކީ އިތުބާރުކުރާ ތަނެއް ނޫން ކަމަށް ވިދާޅުވިއެވެ.
"ކޮމިޝަންގެ ހާލަތު އެނގިއްޖެ. މަރު ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންޖެހެ ރިޕޯޓެއް އިތުރު ބައެއްގެ އަތަށް އަރައިގެން ނުވާނެ. މި ކޮމިޝަންތަކަށް ބާރު ފޯރުވާ ދެތިން އަތެއް އެބައުޅޭ. އެހެންކަމުން ސިޔާސީ ނުފޫޒުތަކެއް ހުރި ކަމަށް ގަބޫލުކުރެވޭ،" އަފްރާޝީމުގެ ބޭބެ ވިދާޅުވިއެވެ.