އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ޖޫރިމަނާކޮށްފައިވާ ފަރާތްތަކަށް އެ ގެއްލިފައިވާ ފައިސާގެ ކޮމްޕެންސޭޝަން ލިބޭނެ ފަދަ މެކޭނިޒަމެއް ގާއިމުކުރަން ޖެހޭނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.
ޓްރާންސްޕޭރެންސީން ބުނީ އެ ގާނޫނުގެ ސަބަބުން ޖޫރިމަނާއެއްގެ ޝިކާރައަށްވި ފަރާތްތަކާއި ޖަމިއްޔާތަކަށް ފައިސާ "ރީޑްރެސް" ކުރުމުގެ ނިޒާމެއް އެކުލަވާލެވެން ޖެހޭ ކަމަށެވެ.
އިންސާނީ ހައްގުތަކަށް ހުރަސް އެޅޭ ފަދަ ގާނޫނުތައް ނުހެދުމަށާއި އެފަދަ ހިޔާލުތައް ނުގެންގުޅުމަށް ޓްރާންސްޕޭރެންސީން ވަނީ އެދިފައެވެ.
އަދި އެ ގާނޫނު އުވާލުމުން އެކަމަށް ޓްރާންސްޕޭރެންސީން ވަނީ މަރުހަބާ ކިޔައިފައެވެ.
އެޤާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރަ އަބްދުﷲ ޝާހިދެވެ.
ޝާހިދު ވިދާޅުވީ އަބުރުގެ ގާނޫނު އުވާލުމުގެ ކުރީން އޮތްގޮތުން ބައެއް މީޑިއާތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި، އެންމެ ބޮޑެތި ގެއްލުން ލިބުނު މީޑިއާގެ ތެރޭގައި ރާއްޖެ ޓީވީ ހިމެނޭ ކަމަށެވެ.
އަދި އެއީ ރައްޔިތުންނަށް ބޮޑު ވޭނެއް ތަހައްމަލު ކުރަންޖެހުނު ގާނޫނެއްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އަބުރުގެ ގާނޫނު މިހާރު އޮތްގޮތަށް ބާއްވަން ރައްޔިތުން ގަބޫލު ނުވާނެ ކަމަށެވެ.