މާލެއިން ފުރައިގެން ތިލަފުއްޓަށް ދަތުރު ކުރަމުންދިޔަ ޑިންގީއަކުން ކަނޑަށް ފުއްމާލި ގޮތަށް ގެއްލިގެން ހޯދަމުން ދަނިކޮށް، ކަނޑުއަޑީގައި މަރުވެފައި އޮއްވާ ފެނުނު އަހުމަދު އަނީސް ޑިންގީން ފުންމާލީ ސަކަރާތް ޖެހުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ހިނގި އެ ހާދިސާގައި މަރުވެފައިވަނީ މާލެ ހިޔާ 1-02-13، އުމުރުން 33 އަހަރުގެ އަހުމަދު އަނީސްއެވެ.
އެ ހާދިސާ ތަހުގީގު ކުރަމުންދާ ފުލުހުން ބުނީ، އަނީސް މޫދަށް ފުންމާލީ ދަތުރު މަތީގައި ސަކަރާތް ޖެހުމުގެ ތެރެއިން، މަޖަލަކަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް ތަފުސީލެއް ނުދެއެވެ.
އެމްއެންޑީއެފުން ބުނީ، 10 މީހުންނާއެކު މާލެއިން ފުރައިގެން ތިލަފުއްޓަށް ދިޔަ ޑިންގީއެއްގައި ހުރި މީހަކު މޫދަށް ފުންމާލައިގެން ގެއްލިގެން ރިޕޯޓްކުރީ މިއަދު މެންދުރު ފަހު 15:16 ގައި ކަމަށެވެ.
ނަމަވެސް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށް އޭނާ ފެނުނީ އޭގެ ގަޑިއިރެއްހާއިރު ކަނޑުގެ 44 މީޓަރު އަޑިން މަރުވެފައި އޮއްވައެވެ.
އަނީސްގެ ޖަނާޒާ ކުރުމަށް ހަމަޖެހިފައިވަނީ މިރޭގެ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.