މިހާރު އެކުގައި ނެތްނަމަ ފަހުން ކާމިޔާބު ލިބުމުން ޕާޓިން ފުރުސަތު ނުދޭނެ ކަމަށް، ޕީޕީއެމުން ވަކިވެވަޑައިގެން، ޖޭޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުންނަށް އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
"ފުނޑާލައިފި" ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިހާރު އެ ޕާޓީން ކުރަމުން ގެންދާ މަސައްކަތުގައި ބައިވެރި ނުވެއްޖެނަމަ ފަހުން ކާމިޔާބު ލިބުމުން ގުޅެން ބޭނުންވި ނަމަވެސް ޕާޓީން ޖާގަ ނުދޭނެ ކަމަށެވެ. އަދި ސިޔާސީ ލީޑަރުންނަށް ރައްޔިތުން ފެންނަނީ އެމީހުންނަށް ކަމެއް ބޭނުންވީމަ ކަމުގައިވާނަމަ އެއީ ރައްޔިތުންނަށް ހިދުމަތް ކުރަން އައިސް ތިބި ބައެއް ނޫން ކަމަށެވެ.
"މި ޖިހާދުގައި މިއަދު އަޅުގަނޑުމެންނާ ގުޅެ ކޮންމެ މީހަކަށް ޖާގަ އެބައޮތް. ދޮރު އެހެރީ ހުޅުވާލައިފަ. އެކަމަކު މިކުރާ މަސައްކަތް ވަރުގަދަވެ މިކުރާ މަސައްކަތުގެ ނަތީޖާ ފޮނިމީރުކަން ލިބޭ ހިސާބަށް ދިޔައީމަ ދެން ނާންނާތި މާމަލުން ފޮނިބޯން. މާބުރު އަންނަ އުސޫލުން މިތަނަށް ނާންނާތި. އެއީކީ އަޅުގަނޑުމެން ޖާގަދޭނެ ކަމެއް ނޫން" ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިއަދު ރާއްޖޭގެ ރައްޔިތުންނާއި ގައުމާއި މިނިވަންކަމުގެ ހައްގުގައި އިދިކޮޅާއެކު މަސައްކަތް ކުރަން ނުކެރުނު މީހުންނަކީ ދެން މާދަމާ އެޕާޓީގެ އެއްވެސް ކަމެއްގައި ބައިވެރިވާން އަންނަންޖެހޭނެ ބައެއް ނޫން ކަމަށެވެ. އަދި އެމީހުންނަށް ތާއަބަދަށް ޕާޓީގެ ދޮރު ބަންދުވެފައި ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނާ ވަކިވެ ވަޑައިގެން ބޭފުޅުންނަށް ވެސް ދަންނަވާލަން ބޭނުންވަނީ މިހާރު އަޅުގަނޑުމެންނާއެކީ ދިވެހި ރައްޔިތުންގެ ހައްގުގައި މަަސައްކަތްކުރަން ނުކުންނަން ނުކެރޭ ކަމުގައިވާނަމަ ކިތަންމެ ޖާނުން ބޮޑަސް ކިތަންމެ އިލްމީ ގޮތުން ފުންނާބު އުސްވިޔަސް ދެން ފަހުން އަޅުގަނޑުމެން ކައިރިން ޖާގަ ނުލިބޭނެއޭ،" ރައީސް ޔާމީނު ވިދާޅުވިއެވެ.