ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ ފުލުހުންގެ ބަންދުން ދޫކޮށްލައި، އޭނާގެ އާއިލާއާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ ވެލެޒިނީ ބަންދުން ދޫކޮށްލައި، އާއިލާއާ ހަވާލުކޮށްފައިވަނީ އަޑްމިޓް ކޮށްގެން ފަރުވާ ކުރުމަށް ޑޮކްޓަރު ލަފާދީފައިވާތީ ކަމަށެވެ.
ފުލުހުން ބުނީ ޑޮކްޓަރުގެ ލަފާގެ މަތިން ވެލެޒިނީ ދޫކޮށްލި ކަމުގައިވިޔަސް ގާނޫނީގޮތުން ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށެވެ.
ވެލެޒިނީ އިއްޔެ މާލެ އައުމާއެކު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. ވެލެޒިނީއަކީ ނަފްސާނީ ބައްޔަށް ފަރުވާ ދޭން ޖެހޭ މީހެއް ކަމަށް ބުނެ، އޭނާ ދޫކޮށްލުމަށް ވެސް ބައެއް ފަރާތްތަކުން ގޮވާލާފައިވެއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ވެލެޒިނީ ހައްޔަރުކޮށްފައިވަނީ އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓާއި، ޓުވިޓަރ އެކައުންޓް ބޭނުންކޮށްގެން އިސްލާމް ދީނަށް ފުރައްސާރަކޮށް، އިސްލާމް ދީނުގެ އުސޫލުތަކުން ބޭރު، އިސްލާމް ދީނާ ޚިލާފް އަދި އިސްލާމް ދީނަށް ތައުހީނުކޮށް، ވާހަކަ ދައްކާފައިވާކަމުގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އިސްލާމް ދީނާ ޚިލާފު ވާހަކަތައް ދެއްކުމުގެ ސަބަބުން އިސްލާމިކް މިނިސްޓްރީން ވަނީ ވެލެޒިނީ އަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް ކަނޑައަޅައިފައެވެ.
ރާއްޖެއިން ބޭރުގައި އުޅެމުން ވެލެޒިނީ ފޭސްބުކް ލައިވް މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިއޯތަކެއްގައި އޭނާ ވަނީ ރަސޫލުންނާއި ކީރިތި ގުރުއާނާ ބެހޭ ގޮތުން ވާހަކަތަކެއް ދައްކައިފައެވެ. އެ ވާހަކަތަކުގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފް ވަރަށް ގިނަ ވާހަކަތައް އޭނާ ވަނީ ދައްކައިފައެވެ.
މީގެއިތުރުން 23 މެއި 2017 ގައި ފުލުހުން ވަނީ ވެލެޒިނީއަށް އެ އިދާރާއަށް ހާޒިރުވުމަށް އަންގައިފައެވެ. އެގޮތުން 14 ދުވަސްތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވެލެޒިނީއަށް އަންގާފައިވެއެވެ.