ޚަބަރު

އެޗްއާރުސީއެމްގެ މެންބަރަކަށް ވިސިލްބޮލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ އިސްވެރިއަކަށް ނުވެވޭވެ: ރޮޒެއިނާ

އާނިފާ ހުސެއިން ސިރާޖް

ވިސްލް ބްލޯކުރާ ފަރާތްތަކަށް ހިމާޔަތްދޭ ބިލުގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަަން (އެޗްއާރުސީއެމް) އިން އުފައްދަން ޖެހޭ "ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް" ގެ އިސްވރިއަކަށް އެ ކޮމިޝަނުގެ މެންބަަކަށް ނުވެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ "ވިސިލްބޮލޯވާ ޕްރޮޓެކްޝަން ޔުނިޓު" ގެ އިސްވެރިއަކަށް އެޗްއާރުސީއެމްގެ ނައިބު ރައީސް މުހައްމަދު ޒާހިރު އައްޔަން ކުރުމަށް މިދިޔަ މަހު ނިންމާފައިވާކަމަށް އިއްޔެ އެކޮމިޝަނުން ބުނުމާ ގުޅިގެންނެވެ.

ވިސްލް ބްލޯކުރާ ފަރާތްތަކަށް ނުވަތަ ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތްދޭ ބިލް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ އަށްވަނަ ދުވަހު ފާސްކޮށްފައިވާއިރު، އެ ބިލުގެ ދަށުން "ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް"ގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި ހާއްސަ ޔުނިޓެއް އުފެއްދުމަށް ވަނީ ހިމަނައިފައެވެ.

ރޮޒެއިނާ ވިދާޅުވީ ވިސިލް ބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ އިސްވެރިއަކަށް އެޗްއާރުސީއެމްގެ މެންބަރަކަށް ނުވެވޭނެ ކަމަށާއި އެ ޔުނިޓުގެ އިސްވެރިއަކަށް ހަމަޖައްސާ ފަރާތަކި މަޖިލީހަށް ވަކިން ޖަވާބުދާރީ ވާންޖެހޭ ވަކި ފަރާތެއް ކަމަށެވެ.

އެ ޔުނިޓުގެ އިސްވެރިއެއް ހަމަޖައްސަން އެޗްއާރުސީއެމަށް ހަވާލުކޮށްފައިވީ ނަމަވެސް މިއީ އެކަކު ދެ މަގާމު ފުރާގޮތަށް އޮތް ކަމެއް ނޫން ކަން ފާހަގަކުރައްވައި ރޮޒެއިނާ ވިދާޅުވީ ގާނޫނުގެ މަގުސަދަކީ އެއީ ނޫން ކަމަށެވެ.