ޚަބަރު

ރާއްޖޭގެ އިމާމުންނަށް މޮރޮކޯގެ މައުހަދުތަކުން ތަމްރީނުގެ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ އިމާމުންނަށް މޮރޮކޯގެ މައުހަދުތަކުން ތަމްރީނުގެ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން މޮރޮކޯގެ އިސްލާމިކް މިނިސްޓަރާއެކު ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓަރު ޝާހިދު މޮރޮކޯއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ އިސްލާމިކް މިނިސްޓަރު އަހުމަދު ތައުފީގާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރާއްޖެ އާއި މޮރޮކޯއާ ގުޅުންހުރި ދީނީ ތަރިކައަށާއި ތާރީހަށް އަލިއަޅުވާލައްވައި، ރާއްޖެއަށް އިސްލާމް ދީން ތައާރަފުވި ގޮތުގައި ހަވާލާދެވޭ މޮރޮކޯގެ އަބުލް ބަރަކާތް ޔޫސުފުލް ބަރްބަރީގެ ނަން ފާހަގަކުރައްވައިފައެވެ. އަދި އިސްލާމް ދީނުގެ އަސާސުތައް އިއާދަކުރުމަށް އެކުއެކީ މަސައްކަތްކުރުމުގެ އިތުރުން، ރާއްޖޭގެ އިމާމުންނަށް މޮރޮކޯގެ މައުހަދުތަކުން ތަމްރީނުގެ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ދެ މިނިސްޓަރުން މަޝްވަރާ ކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު އިތުރަށް ވަނީ އިސްލާމީ ފުރިހަމަ އަގީދާގެ މަތިވެރިކަމާއި މޫރިތިކަން ދެމެހެއްޓުމަށް މޮރޮކޯ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ތަރުހީބު ދެއްވައިފައެވެ.

މިނިސްޓަރު ޝާހިދުގެ މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސެއިން ނިޔާޒާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާން އަދި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު މުއުމިނާ އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވިއެވެ.