ޚަބަރު

އދ. ގެ ސްޕެޝަލް ރެޕަޓުއާ އޮން ޓޯޗާ އަންނަ އާދީއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

އދ. ގެ ސްޕެޝަލް ރެޕަޓުއާ އޮން ޓޯޗާ، ނިލްސް މެލްޒާ އަންނަ އާދީއްތަ ދުވަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ.

ދިވެހި ސަރުކާރުގެ ދައުވަތަކަށް ސްޕެޝަލް ރެޕަޓުއާ ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 17 އިން 24 އަށް ކަމަށެވެ.

އދ. ގައި ހުންނަ ރާއްޖޭގެ އޮފީހުން ބުނީ، ނިލްސް މެލްޒާ އާއި އޭނާގެ ވަފުދު ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި މީގެ ކުރިން ހިނގާފައިވާ ރަހުމުކުޑަ، ލާއިންސަނީ އަދި ދަށުދަރަޖައިގެ އަދަބުތަކާއި އަމަލުތައް ހުއްޓުވުމަށާއި އެފަދަ އަމަލުތައް ކުރިއަށް އޮތްތަނުގައި ނުހިނގާނެކަން ޔަގީންކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނެ ކަމަށް ދިވެހި ސަރުކާރުން ވައުދުވެ، ދިން ދައުވަތަކަށް ކަމަށެވެ.

އެގޮތުން ސްޕެޝަލް ރެޕެޓުއާގެ މި ދަތުރުގައި އެފަދަ އަމަލުތައް ހުއްޓުވުމަށް އެޅިފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ އާއި ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަންވީ ކަންތައްތަކަކީ ކޮބައިކަން ބަލާނެ ކަމަށް އދ. އިން ބުނެއެވެ.

"ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރަން ފަށާފައިވާ މަސައްކަތުގައި އިންސާނީ ހައްގުތަކުގެ ބައިނަލްއަގުވާމީ މިންގަނޑުތައް ހަރުދަނާ ގޮތެއްގައި ގާއިމުކުރެވޭތޯ ކަމާބެހޭފަރާތްތަކާ އެހެނިހެން އެކިއެކި ގްރޫޕްތަކާއެކު، ބިނާކުރަނިވި ވާހަކަތަކެއް ދެއްކޭނެކަމާމެދު އަހަރެންގެ އުއްމީދު ވަރަށް ބޮޑު،" މެލްޒާ ވިދާޅުވެފައިވެއެވެ.

މެލްޒާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ސަރުކާރުގެ އިސް ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޖުޑީޝަރީގެ އެކިއެކި ފަރާތްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކައި ނޭޝަނަލް ހިއުމަން ރައިޓްސް މެކޭނިޒަމްގެ އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ގާނޫނީ ވަކީލުންނާއި އިލްމުވެރިންނާއި އެކްޓިވިސްޓުންގެ އިތުރުން އަނިޔާ ލިބިފައިވާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކާ ވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައާއި އިމިގްރޭޝަނާއި ސިއްހީ ދާއިރާގެ އިތުރުން އިޖުތިމާއީ ހާއްސަ އެހީ ބޭނުންވާ ފަރާތްތައްފަދަ މިނިވަންކަމުން މަހުރޫމުވެފައިވާ މީހުން ބޭތިއްބުމަށް ހާއްސަ ތަންތަނަށް ވެސް ދަތުރުފުޅުގެ ތެރެއިން ޒިޔާރަތް ކުރަން ހަމަޖެހިފައިވެއެވެ.

އދ. އިން ބުނީ، ދަތުރުން ފާހަގަކުރެވޭ ކަންތައްތައް ހިއްސާ ކުރުމަށް ނޫސްވެރިންނަށް އެކަނި ބައިވެރިވެވޭ ގޮތަށް ޕުރެސް ކޮންފަރެންސެއް ވެސް ބާއްވާނެ ކަމަށެވެ. އަދި ރާއްޖެއަށްކުރާ ދަތުރުން ފާހަގަކުރެވޭ ކަންކަމުގެ ފުރިހަމަ ރިޕޯޓް އަންނަ އަހަރުގެ މާޗް މަހު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާނެ ކަމަށް ވެސް އދ. އިން ބުނެއެވެ.

މިލްޒާ އަކީ އދ. ގެ ހިއުމަން ރައިޓްސް ސިސްޓަމްގައި ގާއިމްކުރެވިފައިވާ މިނިވަން މާހިރުންގެ އެންމެ ބޮޑު ގުރޫޕް، ސްޕެޝަލް ޕްރޮސީޖާސް އަށް ނިސްބަތްވާ މާހިރެކެވެ.

މި ސްޕެޝަލް ޕްރޮސީޖާސް އަކީ ހިއުމަން ރައިޓްސް ކައުންސިލުގެ ފަރާތުން ވަކި ގައުމުތަކުގެ ހާލަތު ނުވަތަ ވަކިވަކި ދާއިރާތަކުގެ ކަންކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާގޮތް ބަލާ ތަހުގީގުކޮށް ކަންކަމުގެ ހަގީގަތް ހޯދުމަށްޓަކާ މޮނިޓާ ކުރުމާއި ފެކްޓު ފައިންޑިން މިޝަންތައް ކުރުމަށް ގާއިމުކޮށްފައިވާ ނިޒާމެކެވެ.

ސްޕެޝަލް ޕްރޮސީޖާސްގެ މާހިރުންނަކީ އެމީހުންގެ މަސައްކަތަށް އުޖޫރައެއް ނުލިބޭ، ހިލޭ ސާބަހަށް މަސައްކަތްކުރާ ބައެކެވެ. އެހެންކަމުން އެ މާހިރުންނަކީ އެއްވެސް ގައުމަކަށް އަދި ޖަމިއްޔާއަކަށް ނިސްބަތް ނުވާ، މިނިވަން ބައެކވެ. އަދި އެމީހުން މަސައްކަތްކުރާނީ ވެސް މިނިވަން މާހިރުންގެ ގޮތުގައެވެ.