ފުވައްމުލައް ސިޓީގައި އުޅޭ ބިދޭސީންގެ ފުރިހަމަ ދަފުތަރެއް ތައްޔާރު ކުރުމުގެ ގޮތުން އެ ސިޓީގެ ކައުންސިލުން ސާވޭއެއް ފަށައިފިއެވެ.
ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިއްޔެ ފެށި މި ސާވޭގެ ފެށުމުގެ ގޮތުން އެ ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފު ވަނީ، ގޭގެއަށް ޒިޔަރާތްކޮށް، ސާވޭއަށް ތައްޔާރު ކޮށްފައިވާ މޯބައިލް އެޕްލިކޭޝަން އެމީހުންގެ މައުލޫމާތު އަޅައިފައެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ، ޖުމްލަ 18 އެނިއުމިނޭޓަރު ބޭނުން ކޮށްގެން ފެށި އެ ސާވޭގައި މުޅި ރަށް ކަވަރު ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ އިތުރުން ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމްގެ އެޕޮއިންޓްމަންޓް ހައްދައި ދިނުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ، އެ ކައުންސިލުން ކުރަމުންދާ މި މަސައްކަތުގައި ފުވައްމުލަކުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެދިފައިވެއެވެ.
އާބާދީގައި ގާތްގަނޑަކަށް އަށްހާހަަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަަކުގައި 1000 ހާ ބިދޭސީން މަސައްކަތް ކުރާއިރު، އޭގެ ތެރެއިން ގިނަ ބިދޭސީންނަކީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ މީހުންނެވެ.