ޚަބަރު

ގޭމްތަކުން ޒުވާނުންގެ ވަގުތާއި އަހުލާގަށް ލިބޭ ގެއްލުން ގައުމީ މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ: ހުތުބާ

އިލެކްޓްރޯނިކް ގޭމުތަކުގެ ތެރެއިން ގިނަ ގޭމުތަކަކީ ޒުވާނުންގެ ވަގުތުތަކާއި އަހުލާގަށް ނުހަނު ގެއްލުން ހުރި ގޭމުތަކެއް ކަމުން މިކަމަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ބަލައި އަވަސް ހައްލެއް ހޯދަން ޖެހިފައިވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ދީފައިވަނީ ﷲ ހަނދުމަކުރުމުން އެއްކިބާކުރާ ކޮންމެ ކަމަކުން ދުރުހެލިވުުމުގެ މައްޗަށެވެ.

އެގޮތުން ހުތުބާގައި ބުނީ، މިއަދު ބައެއް އިލެކްޓްރޯނިކު ގޭމުތަކަކީ އިސްލާމީ އަގީދާ ފުނޑުފުނޑު ކޮށްލާފަދަ ގޭމުތަކެއް ކަމަށާއި އެފަދަ ގޭމުތަކުގެ އެންމެ ނުރައްކާތެރި ކަމަކީ އެކުޅޭ މީހަކު އަޅުވެތިކޮށްލުން ކަމަށެވެ. އަދި އެއަށް ދެވި ހިފުމުގެ ސަބަބުން އޭނާގެ އަގުހުރި ވަގުތުތައް ބޭކާރު ކޮށްލާ ﷲ ތައާލާ އޭނާގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ފަރުޟުތައް އަދާކުރުުމުން ދުރުހެލި ކުރުވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ބައެއް ދަރިވަރުން، ފިލާވަޅު ދަސްކުރަން އޮންނަ ވަގުތު ގޭމްކުޅެން ހޭދަކުރުމުގެ ސަބަބުން މަދްރަސީ ދައުރު ފުރިހަމަނުވަނީސް ސުކޫލުން ވަކިވާން ޖެހޭކަމީ ހިތާމަހުރި ކަމެއް ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.

ހުތުބާގައި ބުނީ، އެފަދަ ގޭމުތައް ކުޅުމަކީ ވަޒީފާ އައި އާއިލާ ކަންތައްތަކުގައި ވެސް އިހުމާލުވެވޭ ކަމެއް ކަމަށާއި އެއީ ރައްޓެހިންނާ ގުޅުންކެނޑި، މުޖުތަމައުން ތިމާ އެކަހެރިކުރުވާ ކަމެއް ކަމަށެވެ. އަދި އުމުރުގެ ބަރަކާތް ކެނޑި، ފައިދާއެއް ނެތްގޮތުގައި ވަގުތު ހޭދަވައި، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހުރި މަގުން އެކަހެރިވެ، ޝައިތާނާގެ މަގުން ދަތުރުކުރަން މަގުފަހިވާ ކަމެއްކަމަށް ވެސް ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ، އިލެކްޓްރޯނިކް ގޭމްތައް ކުޅޭ ޒުވާނުންގެ މެދުގައި ކުށް ކުރުމާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ހިޔާލު އަށަގަނެ، އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ހިޔާލުވެސް އުފެދޭ ކަމަށާއި އަދި އެފަދަ ޒުވާނުންގެ ކިބައިން މުރާލިކަން ކެނޑި، ކަންނެތްކަން އަށަގަންނަ ކަމަށް ގޭމުތަކުން ލިބޭ ގެއްލުންތައް ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ކަމަށެވެ.

ގޭމުކުޅެން ގިނަ ވަގުތު ހޭދަކުރާއިރު އޮށޯވެ އޮވެވޭ ގޮތަކުން ނުވަތަ އިށީނދެ އިނދެވޭ ގޮތުން ބުރަކަށީގައި ރިއްސައި، ބުރަކަށި ގުދުވެ، މައިބަދައަށް ބޮޑެތި ގެއްލުންތައް ލިބުމާއި ނޭނގި ހުއްޓައި ލޮލަށް ބޮޑެތި ގެއްލުންތައް ލިބި، ލޮލުގެ ފެނުމަށް ވެސް އަސަރު ކުރުވާ ކަމަށެވެ.

އޭގެ އިތުރުން ލޭގެ ޕްރެޝަރަށް ބަދަލު އައިސް، ސިކުނޑިއަށް ތަފާތު މައްސަލަތައް ދިމާވާ ކަމަށެވެ. އަދި މިޒާޖަށް ބަދަލު އައިސް، ދީނީ އަހުލާގީ މިންގަނޑު ފަހަނައާޅައި ގޮސް ހަވާނަފްސުގެ އަޅަކަށް ވެދާ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

އެގޮތުން އިލެކްޓްރޯނިކް ގޭމްތަކުގެ ތެރޭގައި ހިމެނޭ "ޕަބްޖީ" އާއި "ޖަސްޓު ކޯސް" އާއި "ޕޯކެމޯން ގޯ" އާއި "ފޯޓްނައިޓް" ފަދަ ގޭމްތަކަކީ ޒުވާނުންގެ ދީނީ ވާޖިބުތަކާއި ދުނިޔަވީ ވާޖިބުތައް އަދާކުރުމަށް ހުރަސް އަޅައި، ވަރަށް ގިނަ ތަފާތު ގެއްލުންތައް ކުރިމަތިކުރުވާ ގޭމްތަކެއް ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ، މޯބައިލް ފޯނާއި ކޮމްޕިއުޓަރާއި ޓީވީ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކުޅޭ ގޭމްތަކުގެ ތެރެއިން ގިނަ ގޭމްތަކަކީ ޒުވާނުންގެ ވަގުތުތަކާއި އަހުލާގާއި ސިއްހަތާއި ހަށިގަނޑަށް ނުހަނު ގެއްލުން ހުރި ގޭމުތަކެއްކަން ކަށަވަރު ކަމަށެވެ.

އެގޮތުން މިކަމަކީ އެކަންކަމަކީ މުޖުތަމައުގެ ހުރިހާ ގިންތިއެއް ގައި ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވަ ކަމެއް ކަމަށާއި މިއީ ގައުމީ މައްސަލައެއްގެ ގޮތުގައި ބަލައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި، އެކިއެކި ޖަމިއްޔާތަކާއި ސުކޫލް މަދަރުސާތަކާއި ކަމުގެ މާހިރުން ގުޅިގެން މަސައްކަތް ކޮށް އަވަސް ހައްލެއް ހޯދަން ޖެހިފައިވާ ކަމެއް ކަމަށެވެ.

ހުތުބާގައި ބުނީ، އިންސާނާއަށް ލިބިފައިވާ އެންމެ އަގުބޮޑު ރައުސުލްމާލަކީ އޭނާގެ އުމުރުގެ ދުވަސްތައް ކަމަށާއި އެ ދުވަސްތައް ބޭކާރު ގޮތުގައި ހޭދަކޮށްލުމަކީ ފަހުން އެކަމާ ދެރަވެ ހިތާމަކުރަންޖެހޭނެ ކަމެއް ކަމަށެވެ.

އެހެންކަމުން، އުމުރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި، ވަގުތު ބޭކާރުވެގެންދާ ފަދަ ގޭމްތަކާއި ކުޅިވަރުތަކުން އެއްކިބާވުން މުހިންމު ކަމަށް ހުތުބާގައި ބުންޏެވެ.

އިސްލާމްދީނަކީ ހުރިހާ ނުބައި ސިފަތަކާއި ވިޔާނުދަ އަގީދާތަކާއި ސިއްހަތަށް ގެއްލުންލިބޭ އާދަތަކުން އިންސާނާ ސަލާމަތްކޮށް، އެއްކައުވަންތަކަމުގެ މަތިވެރި އަގީދާ އާއި ރިވެތި އަހުލާގާއި ރީތި މުއާމަލާތުން އިންސާނާ ޒީނާތްތެރިކޮށްދޭ ދީންކަން ފާހަގަކުރައްވާ ހުތުބާގައި ބުނީ، އިސްލާމްދީން ގޮވާލަނީ ދުނިޔޭގެ ވަގުތީ އުފަލާއި މަޖަލަށް ހެއްލުންތެރި ނުވުމަށް ކަމަށެވެ.

އެގޮތުން ދުނިޔަވީ އެދުންތަކުގައި އިންސާނާ މަޝްއޫލު ކުރުވުމަށް، ޝައިތާނާ ކުރާ މަސައްކަތްތައް ހެއްލުމުގެ ބަދަލުގައި، ޝައިތާނާ އަކީ އިންސާނާގެ އަދާވާތްތެރިއެއް ކަމުގައި ބަލައިގަތުމަށް ވެސް ﷲ ތައާލާ އަމުރުކުރައްވާފައިވާ ކަމަށެވެ.