ޚަބަރު

ވެލެޒިނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި

އަހުމަދު ޖައިޝަން

ރާއްޖެ އައުމާއެކު ރޭގައި ހައްޔަރުކޮށްފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެމްބަރު އާއިޝަތު ވެލެޒިނީއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ވެލެޒިނީ އެޑްމިޓްކޮށްފައިވާ އިރު އޭނާ ކޯޓަށް ގެންގޮސް ބަންދުގެ މުއްދަތު އިތުރުކުރުމަށް ވަނީ މީގެކުރިން ނިންމައިފައެވެ. ނަމަވެސް މިހާރު އޭނާ ކޯޓަށް ގެންދިއުމުގެ ބަދަލުގައި ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ރެފިއުޖީއެއްގެ ގޮތުގައި ރާއްޖެއިން ބޭރުގައި އުޅުމަށްފަހު ވެލެޒިނީ ރާއްޖެ އެނބުރި އައިސްފައިވަނީ އިއްޔެއެވެ. އޭނާ މާލެ އައުމާއެކު ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައެވެ.

ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކުރި ކަމަށް ޕޮލިހުން ހާމަކޮށްފައިވާ އިރު، އިސްލާމިކް މިނިސްޓްރީން ވަނީ ވެލެޒިނީއަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް ކަނޑައަޅައިފައެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި ވެލެޒިނީގެ ނަފްސާނީ ހާލަތު ރަނގަޅެއް ނޫނެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ބަދަލުގައި ނަފްސާނީ ބައްޔަށް ފަރުވާ ދޭން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.