ޚަބަރު

ގާޒީ އަލީ ރަޝީދުގެ ގެކޮޅަށް ދިން ހަމަލާ ކުށްވެރިކޮށް، އެކަންކުރި ބަޔަކަށް ފިޔަވަޅު އަޅަން ޖޭއެސްސީން ގޮވާލައިފި

އާނިފާ ހުސެއިން ސިރާޖް

1

ކުރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިނަށް ބިރުދައްކައި، އިންޒާރުދީ އެބޭފުޅާ ދިރިއުޅުއްވާ އެޕާޓްމަންޓުގެ ދޮރުކޮޅަށް ކޯރާޑިއަކުން ދިން ހަމަލާ ކުށްވެރިކޮށް، އެ އަމަލު ހިންގި ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ގޮވާލައިފިއެވެ.

ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓަށް ގެއްލުންދީފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހުގެ 5:30 ހާއިރުއެވެ. އެގޮތުން ފްލެޓުގެ ބޭރުދޮރަށް ގެއްލުންދީ ގޭގެ ދޮރުގައި ލިޔެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އަމަލު ހިންގި ފަރާތްތައް ހޯދައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކަމާއެކު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ. އަދި ގާޒީ އަލީ ރަޝީދާއި އެބޭފުޅާގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަމުންދާ ގޮތް އެކޮމިޝަނުން ކައިރިން ބަލަމުންދާނެކަމުގެ ޔަގީންކަން އެންމެހައި ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އަރުވާފައިވެއެވެ.

ޖޭއެސްސީން ބުނީ، ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ ވަކި ފަރާތަކަށް ދައްކާފާނެ ބިރަކަށް ޖެހިލުންނުވެ، ތައައްސުބުން އެއްކިބާވެ ތިބެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ކަންތައްތައް ނިންމުންމަތީ ދެމި ތިބެންޖެހޭ ބައެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ހިނދު، ފަނޑިޔާރުންގެ މުސްތަގިއްލު ކަމާއި މިނިވަންކަމަށް އަސަރުކުރާފަދަ އަދި ފަނޑިޔާރުގޭގެ އިިތުބާރާމެދު މުޖުތަމައުގައި ޝައްކާއި ވަހުމު އުފެދޭ ފަދަ އަދި ޝަރުއީ ނިޒާމުގެ ހައިބަތާއި ގަދަރު ގެއްލޭ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެދޭ ކަމަށެވެ.

އޭގެ އިތުރުން ފަނޑިޔާރުން އަދާކުރަމުންދާ ދުސްތޫރީ އަދި ޝަރުއީ މަތިވެރި ޒިންމާ އަދާކުރުމަށް އެކިފަރާތްތަކުން ކުރިމަތިކުރާ ނުރައްކާތެރި ނުފޫޒުތަކާއި ބިރުވެރި ހަމަލާތަކުން ފަނޑިޔާރުންނާއި މުޅި ޝަރުއީ ނިޒާމު ސަލާމަތްކޮށް، ފަނޑިޔާރުންނަށް ރައްކާތެރި ވެއްޓެއް ގާއިމުކޮށްދިނުމަށްޓަކައި ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތް ދެންވެސް އެ ގޮތުގައި ކުރިއަށް ގެންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟