ޚަބަރު

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

މުހައްމަދު ޝަހީމް

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް މިފަހުން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ، އިސްރާއީލުން ޣައްޒާއަށް މިފަހުން ދިން ހަމަލާތަކުގައި ޝަހީދުވި އާއިލާތަކުގެ ހިތާމައިގައި ބައިވެރިވާ ކަމަށާއި އަދި އެއާއިލާތަކަށް ތައުޒިޔާ ކިޔާފައެވެ.

އޭގެ އިތުރުން ފަލަސްތީނުގެ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިންނާ ދެކޮޅަށް އިޒްރޭލުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާތީ ކަންބޮޑުވާ ކަމަށް ބަޔާނުގައިވެއެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި އިތުރަށް ވަނި، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުން ހައްލުކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކުން، ވަކިން ހާއްސަކޮށް މިސްރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، މަރުހަބާ ކިޔާފައެވެ.

އޭގެ އިތުރުން ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގެންފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ސެކިއުރިޓީ ކައުންސިލް އަދި ޖެނެރެލް އެސެމްބަލީން ފާސްކޮށްފައިވާ ގަރާރުތަކާ ހިލާފަށް ކަމަށް ވެސް ބަޔާނުގައިވެއެވެ.

ރާއްޖެއިން އަބަދުވެސް ތާއީދު ކުރަނީ ފަލަސްތީނާއި އިސްރާއީލު ދެ ދައުލަތެއްގެ ގޮތުގައި އޮތުމަށް ކަމަށާއި އެގޮތުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ކަންކަމުން އަރައިގަތުމަށް އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް އެއްބާރުލުން ދިނުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ދެމިތިބޭނޭ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ ދީފައެވެ.