ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޑިޒައިންކުރުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ ހެދުމަށް ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 3.9 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރާ މި މަޝްރޫއުގައި ހިމެނިފައިވާ 34 ރަށުގެ ތެރެއިން ނަރުދަމާގެ ޑިޒައިން މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާނީ 17 ރަށެއްގައި ކަމަށެވެ. އަދި ފެނުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ 32 ރަށެއްގައެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖައްސާފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް ތައްޔާރު ކުރުމާއި ޕްރިލިމިނަރީ ޑިޒައިން ތައްޔާރު ކުރުމާއި ޓެންޑަރިން މަރުހަލާގެ ހިދުމަތްތަކުގެ އިތުރުން ކޮންސްޓްރަކްޝަން ސުޕަވިޝަންގެ މަސައްކަތް ހިމެނޭ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
މި ކޮންޓްރެކްޓުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. އަދި ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެދްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ގޯތަމް މަހާވީރު ޝާހުއެވެ.