އަންގާރަ ދުވަހުގެ ރޭ ހުޅުމާލެއިން ހައިވޭއަށް އަރަންދާ ސަރަހައްދުގައި ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކުރި ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
ފުލުހުން ބުނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވަނީ އިއްޔެ އޭނާ ކްރިމިނަލް ކޯޓަށް ގެންދިއުމުން ކަމަށެވެ.
މި އެކްސިޑެންޓުގައި ބަސް ދުއްވަން އިނީ އުމުރުން 54 އަހަރުގެ ފިރިހެނެކެވެ. އޭނާ ވަނީ އެކްސިޑެންޓު ހިނގި ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ހާދިސާގައި ސައިކަލުގެ ފަހަތުގައި އިން 13 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ. މި އެކްސިޑެންޓުގައި މަރުވެފައިވަނީ ކ. ތުލުސްދޫ، ބޮނަސޭރާ، ފާތިމަތު އަންޖުމް ޝަފީގު އެވެ. އެކުއްޖާއަކީ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 7ޑީ ގައި ކިޔަވަމުން އަންނަ އެސްކޫލުގެ ގުރުއާން ޕޫލުގައި ވެސް ހިމެނޭ ދަރިވަރެކެވެ. އަދި އެ ކުއްޖާއަކީ ސައިކަލު ދުއްވަން އިން އަންހެން މީހާގެ ހަމައެކަނި ދަރިފުޅެވެ.
އަންޖުމްގެ މަންމައާއި ހަވާލާދީ ޖަމާލުއްދީން ސްކޫލްގެ ބެލެނިވެރިއެއް ކިޔައިދިންގޮތުން އެ ހާދިސާ ހިނގާފައިވަނީ ބަހުގެ މެދެއްހާ ހިސާބުން ސައިކަލުގައި ޖެހި، އަންޖުމް ބަސް ކައިރިއަށް ވެއްޓިގެންނެވެ. އަދި އޭނާ ބަސް ކައިރިއަށް ވެއްޓުނު ވަގުތު ބަސް ދިޔައީ އަންޖުމް ގައިމަތިންނެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ވަނީ އެއްވެސް އެއްޗެއްގައި ބަސް ޖެހުނުކަން ބަސް ދުއްވަން އިން ޑްރައިވަރަށް ވެސް އަދި ކޮންޑަކްޓަރަށް ވެސް އެނގިފައި ނުވާ ކަމަށް ބުނެފައެވެ. އަދި ބަހުގައި ތިބި 14 ޕަސެންޖަރުންނަށްވެސް އެ އެކްސިޑެންޓް ހިނގިކަން ނެނގޭ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އެހެން ނަމެވެސް މައްސަލައިގެ ފުރިހަމަ ތަހުގީގެއް ފުލުހުން ކުރަމުން އަންނަ ކަމަށާއި މި ހިތާމައިގައި ކުންފުނީން ފުރިހަަޔަށް ބައިވެރިވެ ތަހުގީގަށް ހުރިހާ އެއްބާރުލުމެއް ދެމުން އަންނަ ކަމަށް ވެސް އެ ކުންފުނީން ބުނެފައިވެ އެވެ.