މިންހާ ފާއިޒް ރަޝާދު
މެރިން ބަޔޮލޮޖިސްޓުން ބޯވައިގެ ކުލަ ބަދަލުވާ ގޮތާއި ހާލަތްތަކާ ގުޅޭ ދިރާސާތައް ކުރާ އެތައް އަހަރެއް ވެއްޖެ އެވެ. ބޯވަޔަކީ އެސޮރުގެ ތޮބީއަތުގައި އާދަޔާ ހިލާފު އެތައް ކަމެއް ހިމެނޭ، ދިވެހީން ވެސް ވަރަށް ގިނައިން ހިފައި އުޅޭ އެއްޗެކެވެ. ބޯވައިގެ ތޮބީއަތުގެ ވަރަށް ގިނަ ކަންކަމުގެ މައުލޫމާތު ދިވެހީންނަށް ލިބިފައިވެ އެވެ. ވަކީން ހާއްސަކޮށް ފަޅުމަތީގައި އުޅޭ ބޯވަޔަށް ދިވެހީން ވަރަށް ފަރިތަ އެވެ.
ބޯވަ ނިދާފައި އޮންނަ އިރު އެ ސޮރުގެ ހަށިގަނޑުގެ ކުލަ ބަދަލުވަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް މި ވަނީ މީސްމީޑިއާގައި ވެސް ގިނަ ބަޔެއްގެ ސަމާލުކަން ހޯދާފަ އެވެ.
"އޮކްޓަޕަސް/މޭނޭކިން ކޮންޓެކްޓް" ގެ ނަމުގައި ހަދާ ޑޮކިއުމެންޓްރީއަކަށް ނަގާފައިވާ އެ ވީޑިއޯގައި ފެންނަނީ ބޯވަ ނިދާފައި އޮވެގެން އެކި ކުލަ ތަކަށް ބަދަލު ވަމުންދާ ތަނެވެ. ބޯވައިގެ ކުލަ އަޅި ކުލައިން ރީނދޫ ކުލައަށް ބަދަލުވެ ކަނޑުއަޑިއަށް ކެމޯފްލާޖްވެގެންވެސް ދެއެވެ.
ސައިންޓިސްޓް ޑރ ޑޭވިޑް ޝީލް ބުނީ ބޯވަ ނިދާފައި އޮންނަ އިރު އެގޮތަށް ކުލަ ބަދަލުވަމުން އެދަނީ އެ ސޮރު ހުވަފެން ބަލަމުންދާތީކަމަށެވެ.
"ހުވަފެނުގައި ކަކުންޏެއް ފެނިގެން ބޯވައިގެ ކުލަ ބަދަލުވަނީ ދެން އެއަށްވުރެ ގަދަ ކުލަޔަކަށް ބަދަލުވޭ. ކެމޮފްލާޖަށް ބަދަލު އެވަނީ ބޯވަ އެ ކަކުނި ކާންވެގެން އޭގެ މަތީގައި އިށީންނާތީ. މިގޮތަށް ބޯވައިގެ ކުލަ ބަދަލުވަނީ އެހެން އެއްޗެއްސަށް ވަގަށް ކަކުނި ކާންވެގެން ޝިކާރަ ކުރާ ގަޑީގައި. މިއީ ވަރަށް ސަޅި ވީޑިއޯއެއް. ބޯވަ އެދަނީ ހުވަފެނެއް ބަލަމުން. އެއީ ހުވަފެނެއް." ޑރ. ޑޭވިޑް ޝީލް ބުންޏެވެ.
މި ޑޮކިއުމެންޓްރީ ވަނީ މިދިޔަ މަހު ޓީވީން ދައްކާފައެވެ.