އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދެ ރަށެއްގައި ދެ އައިސް ޕުލާންޓު ގާއިމްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ރާއްޖޭގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ބޭނުންވާ އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ އައިސް ޕުލާންޓުތަކުގެ ތެރެއިން މިއަދު ސޮއިކޮށްފައިވަނީ ކ. ގާފަރާއި ރ. މަޑުއްވަރީގައި ގާއިމުކުރުމަށް ނިންމާފައިވާ 25 ޓަނުގެ ދެ އައިސްޕުލާންޓުގެ އެއްބަސްވުމުގައެވެ.
ބީލަމުގެ އުސޫލުން ވީއޭއެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެ ޕްރޮޖެކްޓުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމިނަތު ޝާފިއާއެވެ. ވީއޭއެމް އެންޑް ކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒުބައިރެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ އަށް މިލިއަން ރުފިޔާއަށް ފަސް މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މި ޕުރޮޖެކްޓު ނިމުމުން މެދު ރާއްޖެތެރެއާއި އުތުރުގެ މަސްވެރިންނަށް، ހާއްސަކޮށް އައިސް ޕުލާންޓުތައް ގާއިމުކުރާ އަތޮޅުތަކުގެ މަސްވެރިންނަށް ބޭނުންވާ އައިސް ހޯދުމުގައި މިވަގުތު ހުރި ދަތިތައް ހައްލެއް ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.