ރައީސް ޔާމީން

ރައީސް ޔާމީން، އަދާލަތަށް: ސަރުކާރުން މުޑުދާރު ކަންތައް ކުރުވަނީ ދީނީ ޕާޓީ މީހުން ލައްވައި

ސަރުކާރުން މުޑުދާރު ކަންތައް ކުރުވަނީ ދީނީ ޕާޓީ މީހުން ލައްވައި ކަމަށް ވިދާޅުވެ، ޝަރީއަތުގެ ކަންކަމާ އެންމެ ގިނައިން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމަށް ގުޅުއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ތުހުމަތުކުރައްވައިފިއެވެ.

"މަވެސް ޕީޕީއެމް" މި ޝިއާރުގެ ދަށުން ޕީޕީއެމްއާ އަލަށް ގުޅުނު މެމްބަރުން ސޮއިކުރުމަށް ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި އެކަމަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ވަނީ އަދާލަތު ޕާޓީއަށް ނުސީދާކޮށް ފާޑުވިދާޅުވެފައެވެ.

ރައީސް ޔާމީން އެހެން ވިދާޅުވި އިރު، މީގެ ކުރިން ޓުވީޓަކީ އަލީ ޒާހިރުގެ ނަމުގައި ހުޅުވާފައިވާ އެހެން އެކައުންޓަކުން ކޮށްފައިވާ ޓުވީޓެކެވެ.

"އެންމެ ގިނައިން ގުޅީ ކާކުތޯ. އަނެއްކާވެސް ދީނީ ޕާޓީގެ ކުއްޖެއް ގުޅީ. ރައީސް އޮފީހުގައި އުޅޭ ޗީފް އޮފް ސްޓާފް، އިބްރާހިމް މުހައްމަދު ސޯލިހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު. އޭނާގެ ޓުވީޓުން އޭނާ އަމިއްލައަށް އިއުތިރާފުވި ގުޅަމުން ގެންދިޔައީމޭ. އެކަމަކު ތިމަންނަ ގުޅަމުން ގެންދިޔައީ އިންސާފުވެރި ހުކުމެއް ނެރޭތޯއޭ. ދެން މިހާ ވަރަށް މީހުން ފަލީހަތްވާނީ. މިއީ ރައީސްއާ ހަމައިން އުފެއްދިފައި އޮތް ކަމެއް. ރައީސްގެ ޗީފް އޮފް ސްޓާފް ގުޅައިގެން ނުވާނެ ދެއްތޯ، ރައީސަށް ނޭނގިއެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެކަން ކުރުވަނީ އެއްގޮތަކަށް ވެސް އެމްޑީޕީގެ މީހުން ލައްވައި ނޫން ކަމަށާއި އެކަމަށް ހާއްސަ ސަމާލުކަމެއް ނުވަތަ ހާއްސަ ތަމްރީނެއް ލިބިފައި ހުރި ބަޔަކީ ދީނީ ޕާޓީގެ މީހުން ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ކުރުވަނީ އެމީހުން ލައްވައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މީގެ ކުރިން އަޅުގަނޑުމެން އަޑެއް ނާހަން ތަހުގީގަށް ހެކި ދޭއިރު، ޝަރީއަތަށް ހެކި ދޭއިރު ސަރުކާރުގެ ވަޒީރަކު ނުކުމެ މީހަކަށް ބިރުދައްކައިގެން އެމީހަކަށް މަޖުބޫރުކޮށްގެން ވަކި ގޮތަކަށް ހެކިދޭން ބުނާކަށް. މިއީ ވެސް މި ދީނީ ޕާޓީގެ ކުދިން ކުރާ ކަމެއް. ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީއާ ތޮޅެގެން. މިފަހަރުވެސް އިއްތިފާގު މިވީ ޖިނާއީ ކޯޓުގެ އިސް ފަނޑިޔާރާ ތޮޅުން. ހުކުމަށް ގާތްގަނޑަކަށް ތިން، ހަތަރު ގަޑިއިރަށް ވެފައި އޮއްވާ އޭނާ ސަސްޕެންޑް އެކުރަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އިންސާފުވެރި އަދުލުވެރި ޝަރީއަތެއް ކޮށްފިކަމަށް ވަންޏާ، އެމަނިކުފާނުގެ ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެމަނިކުފާނު އެއް މިލިއަން ޑޮލަރުގައި ޖެހިފައި ހުރި ވާހަކައަކީ ރައްޔިތުންނަށް އޮޅުވާލައިގެން ދައްކަމުންދާ ވާހަކައެއް ކަމަށެވެ.