ރާއްޖޭގެ ބައިތުލްމާލުގެ އެންމެ ފައިސާ ފޮއްޗެއްގައި ވެސް ޖެހިފައި ނުވާނެ ކަމަށާއި އެމަނިކުފާނުގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން އިންސާފުވެރި ޝަރީއަތެއް ކުރާނަމަ ހުކުމެއް ކުރާނެ ޖާގައެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަރީއަތާމެދު ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށެވެ.
އެގޮތުން ވެރިކަމަށް ވަޑައިގެންނެވިއިރު ވެސް އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަތުގައި ހުންނާނެ ކަމަށާއި އެހެންކަމުން ރައްޔިތުންގެ ބައިތުލްމާލުގެ އެންމެ ފައިސާ ފޮއްޗެއްގައި ވެސް ޖެހެން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، އެފަދަ ކަމެއް ކުރަން އަމިއްލަ ނަފުސަށް ވެސް ލަދުވެތިވާނެ ކަމަށާއި އެއަށްވުރެ ރައްޔިތުންނަށް ހިދުމަތް ކުރަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.
"ޝަރިއަތާމެދު އަޅުގަނޑު ކަންބޮޑެއް ނުވޭ. މިހެން މި ދަންނަވަނި އަޅުގަނޑަށް އެނގޭ ރާއްޖޭގެ ބައިތުލްމާލުގެ އެންމެ ފައިސާ ފޮއްޗެއްގައި ވެސް އަޅުގަނޑު ޖެހިފައެއް ނޯންނާނެ. ޖެހޭކަށް ނުވެސް ޖެހޭ. އަޅުގަނު ނަފްސުގެ މުއްސަނދިކަން އެއަށްވުރެ މުއްސަނދި. އަޅުގަނޑުގެ އަތުގައި އޭރުވެސް ހުރި ރުފިޔާ އެއް މިލިއަނަށްވުރެ ގިނަވާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއަކީ އޮޅުވާލައިގެން ވެއްދި މައްސަލައެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ތުހުމަތުކުރާ ފައިސާގެ ހުރިހާ މުއާމަލާތްތަކަކީ ވެސް މަދަނީ ކޯޓުން ސައްހަ މުއާމަލާތްތަކެއް ކަމަށް ކަނޑައަޅާފައިވާ މުއާމަލާތްތަކެއް ކަމަށެވެ.
އެހެންކަމުން މައްސަލަ ތަހުގީގުކޮށް ނިންމާނީ ކިހިނެއްތޯ ސުވާލު އުފައްދައި ރައީސް ޔާމީން ވަނީ އިންސާފުވެރި ޝަރީއަތެއް ކޮށްފިއްޔާ އެމަނިކުފާނަށް ހުކުމެއް ނުކުރެވޭނެ ކަމަށެވެ.
"އިންސާފުވެރި އަދުލްވެރި ޝަރީއަތެއް ކޮށްފިކަމަށްވާނަމަ ރައީސް ޔާމީންގެ ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެ. އެއީ ވާނެ ކަމެއް ނޫން. ހުކުމެއް ކުރެވިދާނެ. ޝަރީއަތެއް ކުރެވިދާނެ. އަދުލްވެރިކަމާއި އިންސާފަށް ލޯބިކުރާ ކަމަށްވާނަމަ އަދި ބުއްދީގެ ހަމަތައް ގަބޫލުކުރާ ކަމަށްވާނަމަ ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ އެންމެ 19 ހާސް ޑޮލަރަށްޓަކައި ދިވެހިރާއްޖޭގައި ފަސް އަހަރު ވަންދެން، ފަސް އަހަރުވީއިރު އަޅުގަނޑާ ބެހޭގޮތުން ގާނޫނީ ގޮތުން އިނގިއްޔެއްވެސް ހިއްލާލެވިފައި ނެތްއިރު އަޅުގަނޑު އެވަރުކަމެއް ކޮށްފާނެ ކަމަކަށް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ. ރައީސް ޔާމީން ވިދާޅުވި އެވެ.