ޑިއާރުޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދާއި އެ ޕާޓިގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ނަހުލާ އަލީ ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.
"މަވެސް ޕީޕީއެމް" މި ޝިއާރުގެ ދަށުން ޕީޕީއެމްއާ ގުޅިވަޑައިގަންނަވާ މެމްބަރުން ޕާޓީއަށް ސޮއިކުރެއްވުމަށް އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ކާނަލް ނަޝީދާއި ނަހުލާ ވަނީ ޕާޓީއަށް ސޮއިކުރައްވައި ފޯމު، ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްއާ ހަވާލުކުރައްވައިފައެވެ.
މި ރަސްމިއްޔާތުގައި ޕީޕީއެމްއާ ގުޅިވަޑައިގެން ވާހަކަދައްކަވަމުން ކާނަލް ނަޝީދު ވިދާޅުވީ ކޮންމެ ތަނަކު ހުއްޓަސް ހިތާއި ރޫހު އަބަދުވެސް އޮތީ ޕީޕީއެމްގައި ކަމަށާއި ސޮއި ނުކުރިކަމުގައިވީ ނަަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައިވެސް މަސައްކަތް ކުރީ ޕީޕީއެމްއާއެކު ކަމަށެވެ.
އަންނަ އަހަރުގެ އޭޕްރީލްގެ ކުރިން ރިޔާސީ އިންތިހާބެއް އަންނާނެ ކަމުގެ އުފާވެރި ހަބަރުވެސް ލިބެމުންދާކަން ފާހަގަކުރައްވައި ކާނަލް ނަޝީދު އިތުރަށް ވިދާޅުވީ އެއީ އިދިކޮޅުން ކަމެއް ކޮށްގެންވާ ކަމެއް ނޫން ކަމަށާއި އެއީ ވެރިކަންކުރާ ޕާޓީގެތެރޭގައި ހުރި ކޯޅުންތަކެއްގެ ސަަބަބުން ރައީސް ސޯލިހު އިސްތިއުފާ ދޭން މަޖުބޫރު ވަނީ ކަމަށެވެ. އަދި މާދަމާ އިންތިހާބު އޮތަސް ޕީޕީއެމްގެ ފަރާތުން ނުކުންނަވާ ކެނޑިޑޭޓް ރައީސް ޔާމީން ހުންނެވީ ތައްޔާރަށް ކަމަށާއި އަނިޔާވެރި ވެރިކަމުގެ ވަކިތަކުން ސަލާމަތްކޮށް ޕީޕީއެމްގެ މެންބަރުން ތިބީ ވީ ހާލެއްގައި ރައީސް ޔާމީނާއެކު ކަަމަށްވެސް ކާނަލް ނަޝީދު ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކަރުދާސްކޮޅުގައި ރައީސް ޔާމީނުގެ ނަންފުޅު އޮންނާނެކަން ފާހަގަކުރައްވައި ކާނަލް ނަޝީދު ވިދާޅުވީ "ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭން މިއަދު ފަށަން އެބަ ޖެހޭ. އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް ވަރަށް ސާފު. އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ރައީސް ޔާމީން،" ކަމަށެވެ.
ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކައަށް ރިއާޔަތްކުރައްވައި މިރޭ ކާނަލް ނަޝީދު އިތުރަށް ވިދާޅުވީ ޖޭޕީ ނޫން ގޮތެއް ހޯދައި އަމިއްލައަށް ނުކުމެ، ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭ ވަރަށް މަސައްކަތްކުރަން ޖެހޭ ކަމަށާއި ކޮންމެ ފަހަރަކު ބުރަ މަސައްކަތް ކޮށްގެން ހޯދާ ވެރިކަމުގެ، ބޯކިބާފޮތި ޖޭޕީއަށް ދޭ އުސޫލު ދޫކޮށްލަން ޖެހޭ ކަމަށެވެ.