ޚަބަރު

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް، ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާގައި

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރެއިން ދެވަނަ އަދި ތިން ވަނަ މައްސަލައެއްގެ ގޮތުގައި ދެ ފަނޑިޔާރުން ވަކިކުރަން ފޮނުވި މައްސަލަތައް ވަނީ އެޖެންޑާ ކޮށްފައެވެ. ދެ ބޭފުޅުން ވަކިކުރުމުގެ މައްސަލަ ވެސް އެޖެންޑާ ކޮށްފައިވަނީ ވަކި ދެ މައްސަލައެއްގެ ގޮތުގައެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކޮށް، ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ.

ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ބައްދަލުވުމަށްފަހު އެ ބައްދަލުވުމުގައި ނިންމި ނިންމުންތައް ހާމަކޮށް ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް ސަސްޕެންޑްކުރީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ތަހުގީގުކުރާ މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށެވެ.

ދެބޭފުޅުން ވަކިކުރަން ހުށަހަޅަން ނިންމި ސަބަބެއް ކަމަށް ބަޔާނުގައި ބުނެފައިވަނީ، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމްއާ ގުޅޭގޮތުން ޖޭއެސްސީން ބެލި މައްސަލަތަކުގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީއަށް ސާބިތުވެފައިވާތީއެވެ.

އެ ނިންމުން ނިންމީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރުގެ ދަށުން ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ސަސްޕެންޑުކޮށް، ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމިއިރު، ދެބޭފުޅުން ވެސް ވަނީ ޖޭއެސްސީއަށް އެބޭފުޅުން ޖަވާބުދާރީވާންޖެހޭ އަސާސެއް ނެތް ކަމަށް ވިދާޅުވެ، ޖަވާބުދާރީވާން އިންކާރު ކުރައްވައިފައެވެ.

ޖޭއެސްސީން މިހާރު ވެސް ވަނީ ސުޕްރީމް ކޯޓު ހިންގެވުމާ މިވަގުތު ހަވާލުވެގެން ހުންނެވި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ މައްސަލަތަކެއް ވެސް ބަލަމުންނެވެ. އެކޮމިޝަނުން ބުނީ، އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން އެކުލަވައިލި ތަހުގީގު ރިޕޯޓަށް ޖަވާބުދާރީ ވުމަށް މިހާރު ފުރުސަތު ދީފައިވާ ކަމަށެވެ.