ވޯލްޑް ކަޕް ކޮލިފައިން

ރާއްޖެއަށް ފިލިޕީންސް ކޯޗުގެ ތައުރީފު

1

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއިން ދައްކަމުން އަންނަ ކުޅުމަށް ފިލިޕީންސްގެ ކޯޗު ސްކޮޓް ކޫޕާ ތައުރީފުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މާދަމާ ހަވީރު ރާއްޖެއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެމުން ފިލިޕީންސްގެ ކޯޗު ކޫޕާ ބުނީ ރާއްޖެއިން ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ކަމަށާއި ޗައިނާ މެޗުން ރާއްޖެ ބަލިވީ ނަސީބު ދެރަކަމުން ކަމަށެވެ. އަދި ސީރިއާ މެޗުގައި ވެސް ރާއްޖޭގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންދިޔަކަން އޭނާ ފާހަގަކުރިއެވެ.

"ރާއްޖެއިން ރަނގަޅު ނަތީޖާތަކެއް ނެރުނު. މިދިޔަ އަހަރު 2-1ގެ ނަތީޖާއަކުން އިންޑިއާ ބަލިކުރި. ގުއާމް މެޗުގައި ރަށުން ބޭރުގައި މޮޅެއް ހޯދި. ރަނގަޅު ކުޅުމެއް ދެއްކި. އަހަރެން ދެކެނީ ޗައިނާ މެޗުގައި ރާއްޖެ ނަސީބު ދެރައީ ކަމަށް. ވަރަށް ގިނަ ވަގުތު ވަންދެން ރާއްޖެއިން ޗައިނާ ހިފެހެއްޓި. ގޯލު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކުރި. އެންމެ ފަހުން ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ވަރަށް ރަނގަޅު ނަތީޖާއެއް ނެރުނު. އެއީ އަހަރެމެންގެ ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާއެއް. ސީރިއާ މެޗުގައި ފަހުވަގުތާ ޖެހެންދެން ވެސް ރާއްޖެއިން ކުރިއަށް ޖެހި، ގިނަ މަސައްކަތްތަކެއް ކުރި. އަހަރެމެން މި ނުކުންނަނީ ރަނގަޅު ކޯޗެއް ހުރި ވަރަށް ވަރުގަދަ ޓީމަކާ ދެކޮޅަށް،" އޭނާ ބުންޏެވެ.

ފިލިޕީންސްގެ ކޯޗު ބުނީ ކޮލިފައިންގައި ކުރިން ޗައިނާ އަތުން ފިލިޕީންސް ޕޮއިންޓެއް ހޯދިއޭ ކިޔާފައި ރާއްޖެ ފަސޭހައިން ބަލިކުރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި އެއީ ހަމައެކަނި ސްޓެޓިސްޓިކްސް ކަމަށެވެ. އަދި ނަތީޖާ ނުނެރެވުނު ނަމަވެސް، ޗައިނާއާ ދެކޮޅަށް ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ވެސް އޭނާ ބުންޏެވެ.

"ރާއްޖެއިން ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 30 މިނެޓުގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. ފުރަތަމަ ތިން މިނެޓުގެ ތެރޭގައި ލީޑު ހޯދުމަށް ވެސް ވަރަށް ރަނގަޅު ފުރުސަތެއް ލިބުނު. އެ ހިލޭ ޖެހުން ދިޔައީ ވަރަށް ނަސީބު ދެރަކޮށް. ޗައިނާއިން 5-0ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައިވެއޭ ކިޔާފައި، ފިލިޕީންސަށް ވެސް ފަސޭހައިން ރާއްޖެ ބަލިކުރެވޭނެ ކަމަށް އަހަރެމެން ގަބޫލެއް ނުކުރަން. ސީރިއާ މެޗުގައި އަހަރެމެން ބަލިވީ 5-2ގެ ނަތީޖާއަކުން. ރާއްޖެ ބަލިވީ 2-1ގެ ނަތީޖާއަކުން. އެހެންވީމާ އޭގެ ތަފާތެއް ނެތް. އަހަރެމެން ބަލަނީ އަހަރެމެން ކުޅެން ޖެހޭ ޓީމު. އަހަރެމެންނަށް އެނގޭ ރާއްޖެއަކީ ވަރަށް އޯގަނައިޒް ޓީމެއްކަން،" އޭނާ ބުންޏެވެ.

ކޮލިފައިންގެ "ގްރޫޕު އޭ"ގައި ފިލިޕީންސް އޮތީ ރާއްޖެއަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެން ތާވަލުގެ ތިންވަނައިގައެވެ. ފިލިޕީންސަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ހަތަރުވަނައިގައި އޮތް ރާއްޖެއަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެއްވަނައިގައި އޮތް ސީރިއާއަށް ތިން މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ދެވަނައިގައި އޮތް ޗައިނާއަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ހަތަރު މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.

ރާއްޖެއާއި ފިލިޕީންސް ބައްދަލުކުރާ ވޯލްޑް ކަޕް ކޮލިފައިންގެ މެޗު ފެށޭނީ މާދަމާ ހަވީރު 4:00ގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟